ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވެސް އުފުލި އެވެ. އެކަމަކު ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން ފުރައިގެން ދިޔަ ގޮތަށް އޭނާ އެނބުރިއެއް ނާދެ އެވެ. އެހެންވެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީ އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6. 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވީ އެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް އަންނަނީ ސިޓީ ފޮނުވަމުންނެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފަ އެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެންދިޔައީ އެވެ.
މިގޮތަށް ނިންމި އިރު ވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބަ އޮތެވެ.
އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅޭ އަލީ ވަހީދު ރާއްޖެއަށް ގެންނަން އެކި ގޮތްގޮތުން މަސައްކަތްކުރި ނަމަވެސް އޭނާ ގެނެވޭނެ ގޮތް ވަނީ ނުވެފަ އެވެ.