ރިޕޯޓް

ދައުލަތުން ދޫކުރާ ޕާސްޕޯޓަށް ދައުލަތުގެ ބާރެއް ނުހިނގާ؟

ދިވެހި ޕާސްޕޯޓްތަކެއް: ދައުލަތުން ދޫކުރާ ޕާސްޕޯޓްތަކުގައި ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެނބުރި ނަޔަސް، ފިޔަވަޅެއް ނޭޅޭ

ސިޔާސީ ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގާ ކޮންމެ ފަހަރަކީ ވެސް ތަފާތު އާ މައްސަލަތައް ފެންމަތިވެ، ގާނޫނީ އެތަކެއް ބަހުސެއް އުފެދިގެެން އަންނަ މައްސަލަތަކެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ވެސް އެފަދަ އެތައް ކަމެކެވެ. ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އޭނާ ހުންނަވައިގެން ޝަރީއަތް ކުރެވޭނެތޯ އޮތް ބަހުސް ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް މިހާރު މި އޮތީ ރާއްޖެއިން ބޭރުގައި ހުންނަ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެެތޯ އޮތް ބަހުސެވެ.

މިދިިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތް ހިސާބުން ފެށިގެން ކޮޅެއްގައި ނުޖެހި ހިނގަމުންދަނީ މިފަދަ ގާނޫނީ މައްސަލަތަކެކެވެ. އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ދައުލަތަށް ނުފެނުއިރު، އޭނާގެ ޝަރީއަތް ވެސް ކުރިއަކަށް ނުގެންދެވެ އެވެ. ގާނޫނީ އެތައް ކަމެއް ހިފައިގެން ދައުލަތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާ ދެމެދު ދުވެލަ ދުވެލާ ތިބޭތާ ހަތް މަސް ދުވަސްވީއިރު ވެސް، އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ބޮޑެތި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ނުގޮސް އޮތްގޮތަށް އެ އޮތީ އެވެ.

ބޭރުގައި ހުންނަ މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރެއް ނެތް

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކޯޓުގައި ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ އެވެ. ފުރަތަމަ ފަހަރަށް ނާކާމިޔާބުވީ ވުޖޫދުގައި ނުވާ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދުމުންނެވެ. ދެވަނަ ފަހަރަށް އެކަން ނާކާމިޔާބުވީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތުމުންނެވެ. އެ މައްސަލަ އިތުރަށް އިސްތިއުނާފް ނުކުރަން ނިންމައި، ދައުލަތުން އެންމެ ފަހުން ހަތިިޔާރު ބެހެއްޓީ ސުޕްރީމް ކޯޓަށް ދިޔަޔަސް، މަައްސަލަ ކާމިޔާބުވާނެ ކަމުގެ އުއްމީދެއް ނެތުމުންނެވެ.

އަލީ ވަހީދު --- ފޮޓޯ/މިހާރު

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޕާސްޕޯޓް ހިފެހެއްޓޭނީ މީހަކު ފިލައިފާނެ ކަމަށް ބެލެވޭ ނަމަ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. އެކަމަކު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ކަމަކަށް އެ ގާނޫނަކު ނޯވެ އެވެ. މާނައަކީ މީހަކު ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުއްޓަސް، އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން ކޯޓަކަށް އެއްވެސް ހައްލެއް ދެވެން އޮތް ކަމެއް ނޫނެވެ. ގާނޫނު އިސްލާހު ކޮށްގެން ނޫނީ އެކަމުގައި ހައްލެއް ދެވެން އޮތް ކަމެއް ވެސް ނޫނެވެ.

"ފިލައިިގެން އުޅޭ ނަމަ ޕާސްޕޯޓާ މެދު އަމަލު ކުރެވޭ ގޮތް އެބައޮތް"

ޕާސްޕޯޓަކީ ދަތުރުކުރުމަށްޓަކައި ދިވެހިންނަށް ދައުލަތުން ދޫކުރާ އެެއްޗެކެވެ. އަދި ޕާސްޕޯޓްގެ މިލްކުވެރިކަން އަބަދުވެސް އޮންނަނީ ދައުލަތަށެވެ. އެކަމަކު ދައުލަތުން ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދާ މީހުން ގާނޫނުތަކާ ހިލާފްވެ އަދި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ނުދީ މިނިވަންކަމާ އެކު އުޅެނީ ވެސް ދައުލަތުން ދޫކުރި ޕާސްޕޯޓެއް ބޭނުން ކޮށްގެންނެވެ. އެ ހާލަތުގައި ވެސް، އެކަމުގައި ދައުލަތުން ގޮތް ހުސްވާން ޖެހޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ޕާސްޕޯޓާ ބެހޭ ގަވާއިދު ބުނާގޮތުން ވަކި ހާލަތްތަކެއްގައި ޕާސްޕޯޓް ކެންސަލް ކުރުމުގެ އިހްތިޔާރު ވެސް އިމިގްރޭޝަނަށް އޮވެ އެވެ. ޕާސްޕޯޓާބެހޭ ގަވާއިދު ބުނާގޮތުން ގައުމީ ސަލާމަތަށް ނުރައްކާވުން ނުވަތަ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ ޕާސްޕޯޓްގެ އިތުރުން ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ވެސް ޕާސްޕޯޓް ކެންސަލް ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓްގެ ހިފަހައްޓަން ފުރަތަމަ ފަހަރަށް އެދުނު މައްސަލާގައި ހައި ކޯޓުގެ ހުކުމުގައި މިފަދަ ވާހަކައެއް ބަޔާން ކޮށްފައި އެބައޮތެވެ.

"ޕާސްޕޯޓާ ބެހޭ ގަވާއިދަށް ބަލާއިރު، ރާއްޖެއިން ފުރައިގެން ގޮސް ޝަރީއަތަށް ފިލައިގެން އުޅޭ މީހުންގެ ޕާސްޕޯޓާ ބެހޭގޮތުން އަމަލު ކުރެވިދާނެ ގޮތްތައް އެބަހުއްޓެވެ." ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ޕާސްޕޯޓް ކެންސަލް ކުރުމުން ދެން ވާނީ ކިހިނެއް؟

މިހާ ހިިސާބުން ދެން އުފެދޭނެ ސުވާލަކީ ފިލައިގެން ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް މިދެންނެވި އުސޫލުން އިމިގްރޭޝަނުން ކެންސަލްކޮށްފި ނަމަ ހާސިލްކުރަން އުޅޭ މަގްސަދު ހާސިލްވާނެތޯ އޮތް ސުވާލެވެ. ނުވަތަ ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި ނަމަ، އެ މީހަކަށް ދެން ވާނީ ކިހިނެއްތޯ އާއި އެގޮތަށް އަމަލު ކުރުމުން އެ މީހަކު ރާއްޖެ ގެނެވޭނެތޯ ނުވަތަ ނޫންތޯ އާއި އޮތް ސުވާލެވެ. ޕާސްޕޯޓާބެހޭ ގަވާއިދުގައި މިކަމަށް ވެސް ހައްލު އެބައޮތެވެ.

އެ ގަވާއިދުގެ ބުނާގޮތުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންގެ ޕާސްޕޯޓަށް ދިމާވާ މައްސަލަތަކާ ގުޅިގެން ރާއްޖެ އެނބުރި އައުމަށްޓަކައި ސަޓިފިކެޓް އޮފް އައިޑެންޓިޓީގެ ނަމުގައި ވަގުތީ ލިޔުމެއް ދޫކުރެވޭނެ އެވެ. މި ލިޔުމަކީ ރާއްޖެ އެނބުރި އައުމަށްޓަކައި އެކަނި ދޫކުރެވޭ ލިޔުމެކެވެ. މާނައަކީ އެ ލިޔުން ބޭނުން ކޮށްގެން އެހެން ގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެހެންކަމުން ޕާސްޕޯޓް ކެންސަލް ކޮށްފި ނަމަ، އެއީ އެ މީހަކު އިތުރަށް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމެކެވެ.

އެހެން ނަމަވެސް ޕާސްޕޯޓާ ބެހޭ ގަވާއިދު އޮޮތްގޮތުން ގައުމީ ސަލާމަތަށް ނުރައްކާވުމާއި ބޭރުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވާ ކަމަށް ގަބޫލު ކުރެވޭ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި މިގޮތަށް މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނަށް ކެންސަލް ކުރެވޭނީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުންނެވެ. އެކަމަކު އެފަދަ އަމުރަކަށް ދައުލަތުން ކޯޓުގައި މިހާތަނަށް އެދިފައެއް ނުވެ އެވެ. އަދި އަލީ ވަހީދުގެ މައްސަލާގައި އިތުރަށް ކުރިއަށް ދާނެ ގޮތަކާ ބެހޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ދައުލަތުން ދޫކުރާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ދިއުމަށްފަހު ޝަރީއަތަށް ހާޒިރު ނުވެ، ތިބޭ މީހުންގެ މައްސަލަތަކުގައި ދައުލަތަށް އަމަލު ކުރެވޭނެ ގޮތްތައް މިހާރު ވެސް އެބައޮތެވެ. އެހެންވީއިރު، ރާއްޖެއިން ބޭރުގައި ހުރި މީހަކު ގެންނަން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ބޮޑެތި ދައުވާތަކެއް އުފުލިފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމުގައި ދައުލަތުގެ މައްޗަށް އަމާޒުވާ ތުހުމަތުތައް އަދިވެސް އޮތީ އެވެ. އެ މައްސަލާގައި މިހާތަނަށް ފެނިގެން ދިޔައީ ދައުލަތުގެ ބޮޑެތި އިހުމާލުތަކެވެ. ދައުލަތުން ދޫކުރި ޕާސްޕޯޓެއްގެ ބޭނުން ކޮށްގެން އޭނާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު، ގާނޫނުތައް މިހާރު އޮތްގޮތުން އެކަމަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތި ދައުލަތަށް ގޮތް ހުސްވީ ކަމަށް ބުނެވޭކަށް ނެތެވެ.

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

15 October 2021

އަލީވަހީދަކީ ފިލައިގެން ގޮސްހުރިމީހެއްނޫން، ރާއްޖެއާ ހާރިޖީގުޅުންތައް އޮތްގައުމުތަކުގައި އެގައުމުތަކުގެ ފުލުހުން އަތްދަމާލާއިރަށް ފޯރާފަށުގައި އުޅެމުންދަނީ ވީއިރު ނުގެނެވިގެން އުޅެނީއެއްނޫން، ނުގެނެސް އެތަނުގައ ފޮރުވާފައިބަހަށްޓަން ދައުލަތުންވެސް ކޯޓުންވެސް ބޭނުންވަނީ، މިއީ އަންހެން ކަނބަލުން މުޒާހަރާކޮށް ސަރުކާރަށް ގޮތްހުސްކޮށްގެން ނަމަވެސް ޝަރީއަތައް ހާޒުރުކުރަންޖެހޭ މީހެއް

The name is already taken The name is available. Register?

ޝަފީރު

15 October 2021

މިޝަމީމުގެ މައްޗައް ގަސްތުގައި އިހުމާލުވުމުގެ ދަޢުވާތައް ކޮންމެ މައްސަލައަކަށް ވަކިން ކުރެވެންޖެހޭނެ. މީނާއަކީ ތިމާވަރުގެ މީހެއް ނެތްކަމަށް ހެދިގެން ދައުލަތުގެ އެތައް ކަމެއް ދުލުން ދުއްވާލާ މީހެއް.

The name is already taken The name is available. Register?

މައުލޫމާތު

13 October 2021

ޕާސްޕޯޓް ކެސަލްކުރުމުން އަލީ ވަހީދު ރެފިއުޖީ ޕާސްޕޯޓް ހޯދުމަކީވެސް އެކަށީގެން ވާކަމެއް.

The name is already taken The name is available. Register?

ސްޓެޕް

13 October 2021

ފްރޭމްކުރެވުނުނަމަ އެނަމުގަ އެޅިގެން އަބަދު ގައުމުން ބޭރުގަ ހުންނާނީބާ؟ އަސްލު ކުރިކަމެއްނަމަ އަމުދުން ދެން އަނބުރާ އާދެވޭކަށް ނޯންނާނެ. އަލީވަހީދު އަބަދަށްޓަކައި އެ އަރުވާލެވުނީ. ދެން މިގައުމަކަށް އަނބުރާ ނާދެވޭނެ.

The name is already taken The name is available. Register?

120687

13 October 2021

ވައްކަންކުރަން އުޅުނީމާ ހުއްޓުވަން ޤާނޫނުގައި އޮވޭ، ވައްކަންކުރީމާ އަދަބު ދޭނެތަނެއް ޤާނޫނުގައި ނުއޮވޭ، މަރަން އުޅުނީމާ ހުއްޓުވަން ޤާނޫނުގައި އޮވޭ، މެރީމާ އަދަބު ދޭނެތަނެއް ޤާނޫނުގައި ނުއުވޭ، ފިލައިގެންދާން އުޅުނީމާ ހުއްޓުވަން ޤާނޫނުގައި އޮވޭ، ފިލައިގެންދިޔައިމަ އަދަބު ދޭނެތަނެއް ޤާނޫނުގައި ނުއޮވޭ، ހަމަ އެއްވަރުގެ އަރަތެއް ނުންތޯ މިހުންނަނީ، އަރަތް އޮވޭ، ޖަވާބު ނުއޮވޭ،

The name is already taken The name is available. Register?

އަބްޑޫޅް

13 October 2021

އޭނަގެ ރާއްޖެ ގެނައުމަށް އެޅިދާނެ ފިޔަވަޅަކީ އެކްސްޓަރަޑްއިޓް ކުރުމަށް ރާއްޖެއިން އެދުން. އެދެވޭނީ އިގިރޭސިންގެ އެކްސްޓްރަޑިޝަން ގާނޫނު 2003 ގެ ދަށުންނާއި އެކްސްޓްރަޑިޝަން ގާނޫނު 1989 ގެ 5(1) އިން، ކީރިތި މަހާރާނީ ނެރުވި އޯޑަރ-އިން-ކައުންސިލުން ލިބިދޭ ބާރުން. މިގޮތުންހުށަހެޅޭނީ އިންގްލެންޑް އާއި ވޭލްސްގެ ކޯޓަކަށް. ރާއްޖެއިން ހުށަހަޅާ ހެކި ކޯޓަށް ގަބޫލުކުރެވޭނަމަ އޭނަ ރާއްޖެއަށް ގެންދިޔުމުގެ އަމުރު ކޯޓުން ނެރޭނެ. މައްސަލައްކީ އެފަދަ ހެކި ނެތުން.

The name is already taken The name is available. Register?

1828

13 October 2021

ދިވެހިދައުލަތުން ހަމަ އަލީ ވަޙީދު ރީތިގޮތުގައިފުރުވާލީ. ފުރުވާލާފައި ދައުލަތުން ރައްޔިތުންނަަށް ދައްކަންބޭނުންވީ އަލީ ވަހީދު ދިޔައީ ފިލައިގެންކަމަަށް. އެކަންވެސް ފަޅާއަރާ ދިވެހިދައުލައްވީ 'އޮރިޔާން'. ދެން ރައްޔިތުންނަށް ދައްކަން އުޅުނީ ޕާސްޕޯޓް ހިފަހައްޓަން އުޅުނުކަން. އެކަންވެސް ގޮވީއަތަށް. ދައުލަތުން ބޭނުން 'ނަމަ' އަލީ ވަހީދު ރާއްޖެގެނެވޭނެ. ގެނެވޭނެމަގަކީ އިންޓަޕޯލް ރެޑްނޯޓިސް. އެކަމަކާ ސީޕީ (އެމްސީ) ހަމީދުނޫޅޭ. ނޫޅެނީ ސަރުކާރުން ބޭނުން ނުވާތީ

The name is already taken The name is available. Register?

ބަޑިއެދުރުބެ

13 October 2021

ދައުލަތްތޯ ނުވަތަ ސަރުކާރުތޯ ފެއިލްވީ - ދައުލަތަކީ މުޅި ދިވެހި އުންމަތް އުތަ؟ ސަރުކާރަކީ (ރައިސަކާއި އޭނާގެ ކެބިނެޓާއި އައުވާނުން) 5 އަހަރު ދުވަހުގެ މުއްދަތަށް ދައުލަތް ހިންގުމަށް އަންޔަންކުރާ ބައެއް.. ސަރުކާރު ކަންނޭގެ ފެއިލްވީ އުތަ؟

The name is already taken The name is available. Register?

ސޯލިހްބެ

13 October 2021

ކޮބާތަ ޖާމިނުވީމީހާ؟

The name is already taken The name is available. Register?

ޙަސަންސައީދު

13 October 2021

ކަމެއް ކުރެވެން ނެތިއްޔެއްނޫނެވެ. އިދާރީ ނިންމުމަކުން ޕާސްޕޯޓް ކެންސަލް ކުރެވޭނެއެވެ. ނަމަވެސް އެކަން ނުކުރަން އުޅެނީ ކޯޓަކުން ބުނެގެން ކުރިކަމަށް ނުވާނެތީއެވެ. ކޯޓެއް ބަދުނާމު ކޮށް ނުލެވޭނެތީއެވެ.

The name is already taken The name is available. Register?

ސަސި

13 October 2021

ގާނޫނީ އެތައް ކަމެއް ހިފައިގެން ދައުލަތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާ ދެމެދު ދުވެލަ ދުވެލާ ތިބޭތާ ހަތް މަސް ދުވަސްވީއިރު ވެސް، އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ބޮޑެތި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ނުގޮސް އޮތްގޮތަށް އެ އޮތީ އެވެ ޝުކުރިއްޔާ ގައުމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454