ކުރީ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ނުކުރެވި، ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ބޫޓާން އަތުން ވެސް ދިވެހި ޓީމު ބަލި ވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު ބުޓާންއިން ކާމިޔާބު ކުރީ 60-50 ންނެވެ.
ބުދަ ދުވަހުގެ ރޭ ބަންގްލަދޭޝް އަތުން ވެސް ރާއްޖެ ބަލިވީ 10 ޕޮއިންޓްގެ ފަރަގަކުންނެވެ. އެ މެޗަށް ފަހު ރާއްޖޭގެ ކޯޗު މުހައްމަދު ޒިލާލް ބުނީ ބަންގްލަދޭޝްގެ މެޗު ރެފަރެންސަކަށް ބަލައި އެހެން މެޗުތަކުގައި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ.
އެކަމަކު މިރޭ ކުޅުނު މެޗުގައި ވެސް ދިވެހި ޓީމަށް ގިނަ ގޯސްތަކެއް ހެދުނެވެ. ފުރަތަމަ ދެ ކުއާޓާގައި ރާއްޖޭގެ ކުޅުން ފެނުނީ ދަށްކޮށެވެ. ހަތަރުވަނަ ކުއާޓާގައި ރާއްޖޭގެ ކުޅުން ބޮޑުތަނުން ރަނގަޅު ކުރި އެވެ.
ރާއްޖޭގެ ރާއިދު އާއި ހުވައިލިދު ހޯދައި ދިން ގިނަ ޕޮއިންޓްތަކުން ބޫޓާނުން ނަގައިފައި އޮތް ބޮޑު ލީޑް ރާއްޖެއިން ކުޑަ ކުރި އެވެ.
ބޫޓާން ވަނީ އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ އެންމެ ގަދަ ހަތަރު ޓީމެވެ. ކުރިއަށް އޮތް ދެ މެޗުގެ ނަތީޖާއިން ރާއްޖެ އަށް ގަދަ ހަތަރެއްގެ ތެރެއަށް ވަދެވޭނެ އެވެ. ދެން ރާއްޖެ އަށް އޮންނާނީ ނޭޕާލާއި ޕާކިސްތާންގެ މެޗުތަކެވެ.
ހަތް އަހަރަށް ފަހު ބާސްކެޓްގެ މުބާރާތެއްގައި ވާދަކުރި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ހަވީރު ބަލިވީ ހަތަރު ޕޮއިންޓްގެ ފަރަކުންނެވެ. ނޭޕާލުން މެޗު ކާމިޔާބު ކުރީ 64-62 ންނެވެ.
މާދަމާ ރޭ ރާއްޖެއިން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މާދަމާ ހަވީރު ބާދަކުރާނީ ބަންގަލަދޭޝާއި ބޫޓާނެވެ.