ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލުން މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އައި ބަންގްލަދޭޝްގެ މައްޗަށް ރޭ ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.
އެއްވެސް މެޗަކުން ބަލިވެފައި ނެތުމުން ބަންގްލަދޭޝް ބެލެވިފައި އޮތީ ފޭވަރިޓް ޓީމުގެ ގޮތުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ބަލިވި ނޭޕާލުން މިރޭ ބަންގްލަދޭޗްގެ މައްޗަށް ކާމިޔާބު ހޯދީ 29 ޕޮއިންޓްގެ ބޮޑު ފަރަގަކާ އެކު އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗު ނޭޕާލުން ވަނީ 90 ޕޮއިންޓް ހޯދައިފަ އެވެ. ބަންގްލަދޭޝް އަށް ހޯދުނީ 61 ޕޮއިންޓެވެ.
މުބާރާތުގެ ރައުންޑް ރޮބިން ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ނޭޕާލުން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ކުޅުނު ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލި ވެފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕާކިސްތާނުން ބޫޓާންގެ މައްޗަށް ކުރި ހޯދީ 22 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ޕާކިސްތާނުން 75 ޕޮއިންޓް ހޯދިއިރު ބޫޓާނަށް ހޯދުނީ 53 ޕޮއިންޓެވެ.
ހަތް އަހަރަށް ފަހު އިންޓަނޭޝަނަލް މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަ ކުރި ޕާކިސްތާނުން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.
އެ ޓީމުގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ވީ ބައްޔެވެ. ރޭ ރާއްޖެއާ ދެކޮޅަށް ކުޅެ ހޯދި މޮޅަކީ ހަތް އަހަރު ތެރޭ އިންޓަނޭޝަނަލް ބާސްކެޓްބޯލަ މުބާރާތެއްގައި ޕާކިސްތާނުން ހޯދި ފުރަތަމަ މޮޅެވެ.
މާދަމާ ހަވީރު ޕާކިސްތާނުން ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.