ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފްގެ މައްސަލަ ނުނިމުނަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޔާމީން ޖަލުގައި އޮންނެވިޔަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީން ކަން ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނަށް އޮތް ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރުވެފައިވުން ހިމެނެ އެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މިހާރު ބަންދުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.

އެކަމަކު އަދުރޭ ވިދާޅުވި ގޮތުގައި ވ. އާރަށް މައްސަލާގައި ހައިކޯޓުގައި މިހާރު ކުރިޔަށް ދާ އިސްތިއުނާފްގެ މައްސަލަ ނިމުމާއި ނުނިމުމަކީ އެމަނިކުފާނު އިންތިހާބަށް ކުރިމަތިލާން އޮތް ހުރަހެއް ނޫނެވެ.

ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނެތުމެވެ.

"އިންތިހާބަށް ކުރިމަތިލާން އިއުލާން ކުރުމާއެކީގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައީސް ޔާމީންގެ ކެންޑިޑެސީ އެންމެ ފުރަތަމަ ގެންގޮސް އީސީގައި ފައިލް ކުރާނަން. އެކަމަކަށް ސުވާލެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.

ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް މިވަގުތަށް އުނިވެފައިވީ ނަމަވެސް ޕީޕީއެމުން ވަނީ ޔާމީންގެ ރިޔާސީ ކެމްޕެއިން ފަށައިފަ އެވެ.