ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެންމެ ބޮޑު އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ގާސިމާ ބައްދަލުކުރެއްވީ، ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީންގެ އެދިވަޑައިގަތުމަށެވެ.

މިއީ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމާއި ޕީއެންސީން ގާސިމް އާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންތިހާބަށް ގާސިމް މަޝްވަރާކުރައްވަމުން ގެންދެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ އެވެ.

ގާސިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަތެވެ.

ގާސިމް ހުންނަވާ ޕެރަޑައިސް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ގާސިމް އާއި ޕީޕީއެމްގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ މަތިން ގާސިމް އާ މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކު ވެސް މަޝްވަރާ ކުރަމުންނެވެ. އެ މަޝްވަރާތަކަކީ އެ ދެ ޕާޓީން ބުނާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރަން ކުރާ މަސައްކަތެކެވެ.

ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮތަސް އެ ޕާޓީން އަންނަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމައި ކެމްޕެއިން ފަށައިފަ އެވެ. އަދި ސަރުކާރުގެ ބައެއް ކަންކަމަށް ސީދާ ގާސިމް ވެސް ފާޑު ވިދާޅުވެ އެވެ.