އެންމެ ތިން ސަތޭކަ މީހުންގެ އާބާދީ އޮތް ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމަށް 48 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ މަރަދޫފޭދޫގެ 7،000 ރައްޔިތުންނަށް ހެދީ 40 މިލިއަން ރުފިޔާގެ ބަނދަރެކެވެ.
ބަނދަރެއްގެ އަގު އެއްވެސް ހާލެއްގައި ގުޅެނީ އެ ރަށެއްގެ އާބާދީއަކަށް ނޫނެވެ. އަގު ކަނޑައަޅަނީ ބަނދަރެއްގެ ބޮޑު ބިނާއި ފުން ކުރާ މިންވަރަށެވެ. ހަމަ މި ގޮތަށް ހޮސްޕިޓަލެއް އެޅިޔަސް، ސްކޫލެއް އެޅިޔަސް ނުވަތަ އަސާސީ ހިދުމަތްތަކުގެ އަގު ގުޅިފައި އޮންނަނީ އާބާދީއަކަށް ނޫނެވެ.
އެކަމަކު، ރަށެއްގެ އާބާދީއެއް މަދުވުމަކީ އެ ރަށެއްގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތުން މަހުރޫމް ވާން ޖެހޭ ސަބަބެއް ވެސް ނޫނެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ބެހިފައި އޮތް ގޮތާއި އެކި ރަށްރަށުގެ އާބާދީގައި ހިމެނޭ އަދަދުގެ ތަފާތު ބޮޑުކަމުން ބައެއް ރަށްރަށް ތަރައްގީ ކުރުން، ނުވަތަ ހުރިހާ ރަށެއްގައި ހަމަ ހަމަ އުސޫލުން ހިދުމަތް ދިނުން މި އޮންނަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ. ކުދި ރަށްތައް ތަރައްގީ ނުވެ މިހާ ހިސާބަށް ވެސް އޮތީ އެ ސަބަބާ ހުރެ އެވެ. އެ ނިޒާމުގެ ހަރަދު މާ ބޮޑީ އެވެ. އަދި އެއީ ރާއްޖެ އަށް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދަކަށް ވެސް ވާތީ އެވެ.
އެކަމަކު، ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގެ ސިޔާސަތަކަށްވީ ރާއްޖޭގެ ކޮންމެ ރަށެއް ވެސް ތަރައްގީ ކުރުމެވެ. އެއީ ކުޑަ ރަށެއް ވިޔަސް ހެޔޮ ކަމަށް ބަލައިގެންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށުގައި ސަރުކާރުން މިހާރު ވެސް 2،000 އެއްހާ ޕްރޮޖެކްޓް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި މަރާމާތުގެ މަސައްކަތުން ފެށިގެން އެއާޕޯޓު ތަރައްގީ ކުރުމާއި މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި ބިން ހިއްކުމުގައި ބަނދަރު ހެދުމުގެ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ހަދާފައިވާ އައިލްސް ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ ރާއްޖޭގެ ހަތަރު ސިޓީ އާއި 18 އަތޮޅުގައި ޖުމްލަ 473 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް މި އަހަރު އަންނަނީ ހިންގަމުންނެވެ.
ބަޖެޓުން މިހާރު ވެސް ރަށްތަކަށް އެންމެ 20 ޕަސެންޓު
ދައުލަތުގެ ބަޖެޓު ރޭވިފައި އޮންނަ ގޮތުން 70 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަން އޮންނަނީ ބަޖެޓުގެ އެންމެ 30 ޕަސެންޓެވެ. އޭގެ ތެރެއިން ވެސް ރަށްތަކަށް ބަޖެޓުން ލިބެނީ އެންމެ 20 ޕަސެންޓެވެ. މި އަހަރަށް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައިވަނީ 8.5 ބިލިއަން ރުފިޔާ އެވެ.
އެހާ ކުޑަ ބަޖެޓަކުން ރާއްޖޭގެ ހުރިހާ ރަށެއް އެއް މިންގަނޑަކުން ޕްރޮޖެކްޓްތައް ހިންގުމަކީ އެއްވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ބަޖެޓުގެ އެހާ ކުޑަ ބައެއް ތަރައްގީ އަށް އޮންނަ އިރު، ސިޔާސީ މަންފާތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި، ޕްލޭނެއް ނެތި، ރާއްޖެ ތަރައްގީ ކުރުމަކީ ފަހުން އޭގެ ގެއްލުންތައް ބޮލުގައި އަޅަން ޖެހިދާނެ ވެސް ކަމެކެވެ.
އެކަމަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށަކަށް ވެސް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މިއީ ހަރަދު ބޮޑު ގޮތެއް ނަމަވެސް، އެނޫން ގޮތަކަށް ރާއްޖޭގެ ރައްޔިތުން ތަރައްގީ ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަށްރަށުގެ ތަރައްގީ އަށް އަދިވެސް ކުރަން ޖެހޭ ގިނަ ކަންކަން ހުރި އިރު އެކަންކަން ހަމައެކަނި ބަޖެޓުން ނުކުރެވޭނެ ކަމަށެވެ. ރާއްޖެ އަށް ލިބޭ އާމްދަނީން ތަރައްގީގެ ކަންކަން ކުރާ ނަމަ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ރާއްޖެ އަށް އާދެވުނު ހިސާބަށް ދެވޭނީ 60 އަހަރުން ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީ ކުރަން ލޯނު ނެގުން ނޫން ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ރެވެނިއު ޑަބަލްކޮށް ލިބޭ ނަމަ ތަރައްގީ މާ ފާސްޓް ވާނެ. ލޯނު ނުނަގާ ނަމަ ޖެނެރޭޝަނެއް ދާނެ ފެނާއި ނަރުދަމާ ނުލިބި. ޖެނެރޭޝަނެއް ދާނެ ސިއްހީ ރަނގަޅު ނިޒާމެއް ނެތި. ކޮސްޓް ބެނިފިޓް އެނަލަސިސް އަށް ބަލާ އިރު ދަރަނި ނަގައިގެން ވެސް މިކަންކަން ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ނަގަމުން އަންނަ ދަރަންޏަކީ މެނޭޖު ކުރެވޭނެ ދަރަންޏެއް ކަމަށާއި އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ދަރަނި ނުނަގާ އެއްވެސް ތަރައްގީވި އެއްވެސް ގައުމެއް ނޯންނާނެ ކަމަށެވެ.
"އެއްފަސްކުރަން ގަދަބާރުން ދިވެހި ރައްޔިތުން ބޭނުން ނޫނޭ ރަށް ދޫކޮށްލާފައި މާލެ އަންނާކަށް. ދިވެހި ހުރިހާ ރައްޔިތުން މި ބުނަނީ ތިމަންނަމެންގެ ރަށްތަރައްގީ ކޮށްދޭށޭ. ހުރިހާ ރައްޔިތުން އައިސް މާލެ އަށާއި ހުޅުމާލެ އަށް އަންނަ ބޭނުން ވެގެން ބުނެފިއްޔާ ވަރަށް ކޮސްޓް އެފެކްޓިވް. އެކަމަކު ކޮސްޓް ބަލާކަށް ނުވާނެ އިންސާނުންގެ އިމޯޝަންސް އާއި އުފަލަށް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، މާލެ ސަރަހައްދަށް ބަދަލުވުމުގެ ވިސްނުން ގެންގުޅެނީ މަދު ބަޔަކު ކަމަށެވެ. އެހެންވެ، އެއްފަސްކޮށް، އެއް ސަރަހައްދެއް ތަރައްގީ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ރަށެއްގައި ހުރިހާ ހިދުމަތެއް، ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކަށް؟
އިގްތިސާދު ދިރާސާކުރައްވާ އަދި އިގްތިސާދީ ލިޔުއްވުންތައް ލިޔުއްވާ އިބްރާހިމް އާތިފު ޝަކޫރު ވިދާޅުވީ، އެންމެ މުހިއްމު ސިޔާސަތަކަށް ވާން ޖެހޭނީ، އިގްތިސާދަށް ނުތަކާ ވަރަށް ޕްރޮޖެކްޓް ހިންގުމުގެ ވިސްނުން ދޫކޮށްލުން ކަމަށެވެ. އެނޫން ގޮތަކަށް އިގްތިސާދު ކުރިއަށް ގެންދިއުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ރައްޔިތުންނަށް ވެސް ލިބިދެވެން ޖެހޭ އެއްޗެއް ދޭން ވާނެ. އެކަމަކު ލިބޭ މިންވަރަކުން ހަރަދުތައް ކުރަންވީ. އެހެން ނޫނީ ހިނގާށޭ ޓެކްސް ބޮޑު ކުރަން،" އޭނާ ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ، ރާއްޖެ އަށް ވުރެ މާ ބޮޑަށް އާބާދީ ފެތުރިފައި އޮތް ގައުމުތަކުގައި ވެސް ހުރިހާ ރައްޔިތުންނަށް އެ ބޭނުންވާ އަސާސީ ހިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކޮށްދީފައިވާ ގައުމުތައް ހުރި ކަމަށެވެ. އެކަމަކު އެކަން އެ ގަމުތަކުން ކުރަނީ، ބޮޑެތި އަދަދުތަކުން ލޯނު ނެގުމުގެ ބަދަލުގައި ޓެކްސްގެ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުންނަށް ވެސް ލިބިދެވެން ޖެހޭ އެއްޗެއް ދޭން ވާނެ. އެކަމަކު ލިބޭ މިންވަރަކުން ހަރަދުތައް ކުރަންވީ. އެހެން ނޫނީ ހިނގާށޭ ޓެކްސް ބޮޑު ކުރަން-- އާތިފު
"އެ ގައުމުތަކުގެ ސަރުކާރުތަކާއި ސިޔާސީ މީހުން އެބަ ބުނޭ، ތިމަންނަމެން މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައްޔިތުންގެ އަތުން މިވަރުގެ ޓެކްސްއެއް ނަގަން ޖެހެއޭ. އެ މީހުން ނުބުނޭ މީ ހިލޭ ދޭ އެއްޗެކޭ،" އޭނާ ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ، ގެއެއްގައި ވެސް ހަރަދުތައް ހަމަޖައްސަނީ ލިބޭ އާމްދަނީއަކުން ކަމަށްވާ އިރު އެ ނޫން އުސޫލަކުން އެކަން ކުރާ ނަމަ، އޭގެ އުނދަގުލާ ފަހުން ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 20 ޕަސެންޓު ރަށުގައި އުޅެނީ 500 އެއްހާ މީހުންނެވެ. އަދި ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓް ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ހުރިހާ ރަށެއްގައި މަޝްރޫއުތައް ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ތަރައްގީގެ ކަންކަން ކުރިއަށް ގެންދަނީ ރާއްޖެއާ އެންމެ ގުޅޭ ގޮތަށް ނޫން ކަމަށެވެ.
"ކުދި އާބާދީތައް ވަރަށް ގިނަ. ހަރަދު ކުރެވިދާނެ ކޮންމެ ރަށަކަށް ވެސް. އެކަމަކު ދެމެހެއްޓެނިވި ތަރައްގީއެއް އެޗީވް ކުރުން ޗެލެންޖަކަށް ވާނެ. ކޮންމެ ރައްޔިތަކީ ހަމަ ހަމަ ބައެއް. މާލެ އުޅޭ މީހެކޭ ކުދި ރަށްރަށުގެ މީހުން ތަފާތެއް ނުކުރެވޭނެ. ސަރުކާރުގެ ޕޮލިސީ ބައްޓަންވާން ޖެހޭނީ ރައްޔިތުންނަށް ހަމަހަމަކަން ލިބޭ ގޮތަށް ރާއްޖޭގެ ބަޖެޓާއި އާމްދަނީ ބޭނުންކޮށްގެން. މިސާލަކަށް 200 ރަށުގައި ހުރިހާ ކަމެއް ކުރަން ވެއްޖިއްޔާ އެފޯޑެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން ތަރައްގީ ޕްލޭން ރާވާ ނަމަ، މިކަން ހާސިލު ނުވާނެ ކަމަށެވެ.
އެއް ފަސް ކުރަން މާ ލަސްވެއްޖެ، ބަލަންވީ ކުރި ހަރަދު އިސްރާފުނުވާނެ ގޮތެއް
ރާއްޖެ ތަރައްގީ ކުރުމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އަނެއް ވާހަކައަކީ، މިހާރު ރާއްޖެ ތަރައްގީ ކުރަމުން އަންނަ ގޮތުން، ކަންކަން ރާވަން ޖެހޭނީ، މިހާރު މި ކުރާ ހަރަދުތައް ވެސް އިސްރާފުނުވާނެ ފަދަ ގޮތަކަށް ކަމެވެ.
"މިހާރު ހެދޭ ވަރަށް ވަރަށް ގިނަ އެއާޕޯޓުތައް ވެސް. އެހެންވީމަ ދެން އަންނަންވާނީ އެ ތަންތަން ވެސް ބޭނުން ހިފޭ ފަދަ ގޮތަކަށް. އެތަންތަން ބޭކާރުވެއްޖިއްޔާ އެއީ ވަރަށް ބޮޑު އިސްރާފެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންމެ ގޮތަކަށް ބެލި ނަމަވެސް، މީހުން ދިރިއުޅޭ ރަށްތައް އެބަ މަދުވާން ޖެހޭ ކަމަށެވެ. އެހެންވެ، މިހާރު އެއާޕޯޓާއި، އެނޫން ވެސް އުމްރާނީ ތަރައްގީގެ ކަންކަން ގޮސްފައިވާ ސަރަހައްދު ތަރައްގީ ކުރުމަށް އިސްކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެއާޕޯޓު އޮންނަ ރަށްރަށާ ކައިރި ސަރަހައްދުތަކަށް މުހިއްމު ހުރިހާ ހިދުމަތްތައް ގެންގޮސްގެން މިހާރު ވެސް އެއް ފަސް ކުރުމުގެ ކަންކަން ރޭވިދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މީހުން ހިޖުރަކުރާނެ ކަންކަން އެ ސަރަހައްދުތަކުގައި ހުރެއްޖެ ނަމަ، އެކަން ހާސިލުވާނެ ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރެއްގެ ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ލިބޭ ނަމަ، ރައްޔިތުން އެތަންތަން ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކެއް ހިންގުމުގައި އިސްކޮށް އުޅުއްވި އަދި ޓްރެވަލް އޭޖެންސީ ސީޕްރިއާގެ އެއް ފައުންޑާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މުޅިން އާ ސިޔާސަތެއް ގެންނަން މާ ލަސްވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހުރިހާ ރަށެއްގައި ހެން މިހާރު ހުރިހާ ހިދުމަތެއް ދެމުން އަންނަން މަސައްކަތް ފަށާ އިރު އެއީ ހަރަދު ބޮޑުވިޔަސް، ދެން ބަދަލު ކުރަން އުނދަގޫވާނެ ކަމެއް ކަމަށެވެ. ދެން އަންނަ ސަރުކާރަކުން ވެސް ޖެހޭނީ އެ އުސޫލުން ކަންކަން ކުރަން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އެކަމަކު މިކަމާ ސިޔާސީ މުދައްބިރުން ގަބޫލުފުޅު ވާނެ ހެންނެއް ހިޔެއް ނުވޭ. އެއީ އެ ބޭފުޅުން ބޭނުންވާ ނަތީޖާ ނުނެރެވިދާނެތީ. ސަރުކާރަކަށް ފަހު ސަރުކާރެއް އަންނާނީ. ދެން އަންނަ ބަޔަކު ކުރިއަށް ގެންދާނީ ވާން އޮތް ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
ބަންދު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހެން ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭން މަސައްކަތް ކުރާ އިރު އެއްފަސް ކުރުމަށް، ނުވަތަ ސެންޓްރަލައިޒް ނިޒާމެއް އަނެއްކާ ގެނައުމުން އެކަން ކުރަން މާ އުނދަގޫވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު މި ކުރިއަށްދާ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ކަންކަން ކޮށްދިނުމަކީ ހަރަދު ބޮޑު ގޮތެއް ނަމަވެސް އެނޫން ގޮތެއް ނެތް ކަމަށެވެ.
އެންމެ ރަނގަޅު ގޮތަކީ ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ކަންކަން ރޭވިގެން ކުރިއަށް ގެންދިއުން ކަމަށް ބަންދު ވިދާޅުވި އެވެ. އޭރުން މިހާރު ހިންގާ ކަންކަން ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، އޭގެ ނަތީޖާ މާ ރަނގަޅުވާނެ ކަމަށާއި އެފަދަ ޕްލޭނެއް ހަދަން ޖެހޭނީ މަޖިލީހުގެ ތެރެއިން ކޮންމެ ވެރިކަމެއް އޮތަސް ބަދަލު ނުވާނެ ގޮތްތަކެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖެ އަށް ތަރައްގީ ގެނެވޭނީ ރަނގަޅު ޕްލޭނެއް ތެރެއިން، ކެތްތެރިކަމާ އެކު އަމާޒުތައް ކަނޑައަޅައިގެންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އާބަން ސެންޓަރުތަކެއް ގާއިމް ކުރުމުގެ މަސައްކަތްތަކެއް ފެށި ނަމަވެސް، އެކަން ހަގީގަތަކަށް ވެފައި ނުވަނީ ކޮންމެ ފަސް އަހަރުން ރާއްޖޭގެ ތަރައްގީގެ ޕްލޭން ބަދަލުވާތީ އެވެ. އެކަން ކުރެވޭނީ، ސިޔާސީ ވިސްނުން އެއް ފަރާތްކޮށް ގައުމީ ވިސްނުން އިސްކޮށްގެންނެވެ.