ރިޔާސީ އިންތިހާބުގައި އަހުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ރަސްމީކޮށް އިއުލާނުކުރައްވައިފި އެވެ.

ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ވެސް ހަމަކުރައްވައިފަ އެވެ.

ފާރިސް ވިދާޅުވީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވަން ނިންމެވީ ރައްޔިތުން އެދޭ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް އެންމެ ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ.

އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އެ ކޮމިޝަނަށް ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.

ނަމަވެސް ފަހުން އީސީން ބުނެފައި ވަނީ އެ ޕާޓީން އިންތިހާބަށް ކެންޑިޑޭޓެއް ނެރެން އެެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ފާރިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރުއެމަށް ދެއްވައިފަ އެވެ.

ނަމަވެސް، މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމުން ވަނީ އެ ދައުވަތު ގަބޫލުނުކުރަން ނިންމައިފަ އެވެ.