ޓެކްސަސް، އެމެރިކާ (އޮގަސްޓް 7) - ލިއޮނެލް މެސީގެ ދެ ގޯލާ އެކު ވެސް ފުރިހަމަ ވަގުތުގެ ނަތީޖާ 4-4 އިން އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓްގައި 5-3 އިން އެފްސީ ޑަލާސް ބަލިކޮށް އިންޓަ މަޔާމި، ލީގްސް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޕެނަލްޓީގައި މަޔާމީ އިން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. އެޓީމުގެ ފުރަތަމަ ޕެނަލްޓީ މެސީ ފޮނުވާލިއިރު، ދެވަނަ ޕެނަލްޓީ ފޮނުވާލީ ސާޖިއޯ ބުސްކެޓްސް އެވެ.

މިއަދު ހެނދުނު އެމެރިކާ ލީގުގެ ޑަލާސް އާ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ވެސް ޖެހީ މެސީ އެވެ. ހަވަނަ މިނިޓުގައި އޭނާ ގޯލު ޖެހީ، ބާސެލޯނާގައި އެކުގައި ކުޅުނު ޖޯޑީ އަލްބާގެ ޕާހަކުންނެވެ. މިއީ އަލްބާ އިންޓަ މަޔާމީ އަށް ބަދަލުވެ، ސްޓާޓް ކުރި ފުރަތަމަ މެޗެވެ.

މެސީ ގޯލު ޖެހި ނަމަވެސް ޑަލާސް ވަނީ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ދެވަނަ ހާފުގައި ވެސް މާ ގިނައިރެއް ނުވެ، 63 ވަނަ މިނިޓުގައި އެޓީމުން ތިންވަނަ ގޯލު ޖެހި އެވެ. އޭގެ ދެ މިނިޓު ފަހުން ބެންޖަމިން ކްރެމާސްކީ އިންޓަ މަޔާމީ އަށް ފަރަގު ކުޑަ ކޮށްދިނީ އަލްބާގެ ޕާހަކުންނެވެ. ނަމަވެސް ތިން މިނިޓު ނުވެ، މަޔާމީ ފޯވާޑް ރޮބާޓް ޓޭލާ އަތުން ބައިކޮޅަށް ވަން ގޯލަކުން ޑަލާސް އަށް ދެ ގޯލުގެ ލީޑެއް ލިބުނެވެ.

އިންޓަ މަޔާމީ އިން އެއްވަރުކުރީ މެޗުގެ ފަހު 10 މިނިޓު ތެރޭގަ އެވެ. ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް މެސީ ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ޑަލާސްގެ ޑިފެންޑަރެއް ބޮލުން ޖެހިފައި ބައިކޮޅަށް ވަން ގޯލަށް ފަހު 85 ވަނަ މިނިޓުގައި މެސީ ނަތީޖާ ހަމަހަމަ ކޮށްދިނީ ހިލޭޖެހުމަކުންނެވެ.

މި ނަތީޖާއާ އެކު އެމެރިކާ އާއި މެކްސިކޯގެ ކްލަބްތައް ވާދަކުރާ މި މުބާރާތުގެ ކުއާޓާގައި ވެސް އެޓީމު ނުކުންނާނީ އެމެރިކާގެ ޓީމަކާ ދެކޮޅަށެވެ. އަންނަ ހަފްތާ ބަންދުގައި އިންޓަ މަޔާމީއާ އިދިކޮޅަށް ނުކުންނާނީ، މާދަމާ ހެނދުނު ޝާލޮޓް އެފްސީ އާއި ހޫސްޓަން ޑައިނަމޯ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.