ޕެންސިލްވޭނިއާ، އެމެރިކާ (އޮގަސްޓް 16) - ލިއޮނެލް މެސީ އާއު ޖޯޑީ އަލްބާގެ ގޯލުތަކާ އެކު 4-1 އިން ފިލަޑެލްފިއާ ބަލިކޮށް ލީގްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދު ފަތިހު ކުޅުނު މެޗުގެ ތިންވަނަ މިނިޓުގައި އިންޓަ މަޔާމީ އިން ލީޑު ނެގީ ފޯވާޑް ޖޯސެފް މާޓިނޭޒް ޖަހައިދިން ގޯލުންނެވެ. އަދި 20 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން ދެވަނަ ގޯލު ޖަހައިދިނީ މެސީ އެވެ. މިއީ މެސީ އެޓީމަށް މިހާތަނަށް ކުޅެދިން ހަ މެޗުން ކާމިޔާބު ކޮށްދިން ނުވަވަނަ ގޯލެވެ. މި ހަ މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.
މަޔާމީގެ ތިންވަނަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޖޯޑީ އަލްބާ އެވެ. މިއީ ބާސެލޯނާ ދޫކޮށް އެޓީމަށް ބަދަލުވި އަލްބާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ. މުބާރާތުގެ ގަދަ 16 ގައި ކުޅުނު މެޗުގައި އަލްބާ ވަނީ ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި އެ މެޗުގައި ޓީމަށް ލީޑު ހޯދައިދޭން މެސީ ކާމިޔާބުކުރި ގޯލު ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ އެމެރިކާ ލީގު ޗެމްޕިއަން ފިލަޑެލްފިއާ ވަނީ ގޯލެއް ޖަހަން މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން މެޗު ނިމެން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައި އުންމީދު އާކޮށްފައި ވަނިކޮށް އިންޓަ މަޔާމީ އިން ވަނީ 84 ވަނަ މިނިޓުގައި އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފަ އެވެ.
ފައިނަލްގެ ޖާގައާއެކު އިންޓަ މަޔާމީ އަށް ވަނީ އަންނަ އަހަރުގެ ކޮންކާކަފް ސަރަހައްދުގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ކަޕުން (ކުރީގެ ޗެމްޕިއަންސް ލީގުން) ފުރުސަތު ހޯދައިފަ އެވެ.
އެމެރިކާ އާއި މެކްސިކޯގެ ޓީމުތައް ކުޅޭ ލީގްސް ކަޕްގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 6 ޖަހާއިރު އިންޓަ މަޔާމީ ނުކުންނަން ޖެހޭނީ އެމެރިކާ ލީގުގެ ނަޝްވިލް އާ ދެކޮޅަށެވެ.