ސަރުކާރުން ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ދަށުން ދެކުނުގެ ހަތަރު އަތޮޅުގައި ފެރީގެ ހިދުމަތް ފަށައިފި އެވެ.
އާރްޓީއެލްގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން ހައެއް ގެ ގޮތުގައި ފެރީގެ ހިދުމަތް މިއަދު ފެށީ ފުވައްމުލަކާއި އައްޑޫގައި އެވެ. އެ ދެ އަތޮޅު ވަނީ ދެކުނުގެ ގއ. އަދި ގދ. އަތޮޅާ ވެސް ފެރީ އިން ގުޅާލާފަ އެވެ.
މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެ ސަރަހައްދުތަކުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް މި ހިދުމަތް ފޯރުކޮށްދޭ، އެމްޓީސީސީއިން ބުންޏެވެ. ހިލޭ ދަތުރު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ބޭނުމަކީ ކަސްޓަމަރުން ފެރީ ދަތުރުތަކަށް އަހުލުވެރިކޮށް ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރަން ފުރުސަތު ދިނުން ކަމަށް އެމްޓީސީސީއިން ބުންޏެވެ.
ހިލޭ ދަތުރު ކުރާ މުއްދަތުގައި ފެރީއިން ޖާގަ ހޯދަން ޖެހޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ.
އެމްޓީސީސީއިން ޒޯން ފަހެއް (ގއ/ގދ) އަތޮޅުގެ އެތެރޭގެ ފެރީގެ ހިދުމަތް ފެށީ މިދިޔަ މަހު އެވެ. ދެކުނުގެ ދެ ޒޯނު ފެރީއިން ގުޅާލުމުން ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ދެ ސަރަހައްދުން ދަތުރު ކުރާނެ އެވެ. އެ ހިދުމަތް ދިނުމަށް އާރްޓީއެލްގެ ދެ ސްޕީޑު ފެރީއިން ދެ ރޫޓަކުން ދަތުރު ކުރާނެ އެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ދަތުރު ކުރާ ފެރީތަކުން އަންނަ ހުކުރު ދުވަހުން ފެށިގެން އަގު ނަގާނެ އެވެ. އަދި އެ ދުވަހުން ފެށިގެން ޓިކެޓް ނެގުމަށް ބޭނުން ކުރަން ޖެހޭނީ އާރްޓީއެލް ފެރީ އެފްލިކޭޝަން ކަމަށް އެމްޓީސީސީއިން ބުންޏެވެ. އަގު ނަގަން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުދިންނާއި އެންސްޕާގައި ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.
އެ ސަރަހައްދުގައި ދަތުރު ކުރާ އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންގެ ޖާގައިގެ އެއާކޮންޑިޝަން ކޮށްފައިވާ ފެރީތަކެކެވެ. އެ ފެރީތަކުގައި ވީލްޗެއާ އާއި ސްޓްރެޗާ ބެހެއްޓުމަށް ހާއްސަ ޖާގަ ވެސް ކަނޑައަޅާފައިވެ އެވެ. އަދި ފެރީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަމަށް ފުރިހަމަ އަށް ތަމްރީނުކޮށްފައިވާ މުވައްޒަފުންނެވެ.
އާރްޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
ހަ ޒޯނު ބެހިފައިވާ ގޮތް
- ޒޯނު 1 (ހއ. ހދ. ށ)
- ޒޯން 2 (ނ، ރ، ބ އަދި ޅ)
- ޒޯން 3 (ކ، އއ، އދ، އަދި ވ)
- ޒޯން 4 (މ، ފ، ދ، ތ އަދި ލ)
- ޒޯން 5 (ގއ އަދި ގދ)
- ޒޯން 6 (ސ އަދި ޏ)
އޭގެ ތެރެއިން މިވަގުތު ޒޯނު އެކެއްގެ ތިން އަތޮޅާއި ޒޯން ދޭއްގެ އެއް އަތޮޅާއި ޒޯން ފަހެއް އަދި ޒޯން ހައެއްގެ އަތޮޅުތަކަށް އަންނަނީ ހިދުމަތް ދެމުންނެވެ. މިވަގުތު އާރްޓީއެލްގެ ހިދުމަތް ދެނީ ހއ، ހދ، ށ، ޅ، ގއ، ގދ ގެ އިތުރުން އައްޑޫ އާއި ފުވައްމުލަކަށެވެ.