މާލޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ޕީޕީއެމް/ޕީއެސްސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތު މިރޭ ހާމަކުރައްވައިފި އެވެ.
ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެކަމަށް ސަރުކާރުން އެއްބާރުލުން ނުދިން ކަމަށެވެ.
އެގޮތުން މާލެ އާއި ހުޅުމާލޭގައި ޕާކިން ހަ ބިލްޑިންއެއް އެޅުމަށް އިންވެސްޓަރުންނާއި ވަސީލަތްތައް ހޯދި ކަމަށާއި ނަމަވެސް، އެކަމަށް ސަރުކާރުން ހުއްދަ ނުދިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ފުރުސަތު ސަރުކާރުން ނުދިނީމަ މަގުމަތީ ޕާކް ކުރަން މި ޖެހެނީ. ގަރާޖު ސިޓީއަށް ސަލާން ޖަހަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ވެރިކަމަށް ހޮވައިދީފި ނަމަ ޕާކިން މައްސަލަ ދާއިމަށް ހައްލުކޮށް ދެއްވާނެ ކަމަށާއި އަދި ގަރާޖު ސިޓީއަށް ސަލާން ޖަހަން ނުޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގައި ޕާކިން ބިލްޑިންތައް މާލޭގައި އެޅުމަށްފަހު އެ ބިލްޑިންތަކުގައި، ވެހިކަލްތަކަށް ޕާކިން ސްލޮޓް ދޫކޮށް، އެ ތަންތަން ގަރާޖެއްގެ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ބާރު ދޭނެ ކަމަށެވެ.
"އެއީ އެ ވެހިކަލްގެ ޖާގަ. އެ ތަނަކުން އެ ވެހިކަލް ނަގާނެ މީހަކު ނާންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިންތަކުން ސައިކަލްތަކަށް ވެސް ޖާގަ ދޭނެ އެވެ. އޭރުން މަގުތަކަށް ލުއިވެ ދުއްވާނެ ޖާގަ ވެސް ކަމަށް ވިދާޅުވި އެވެ.
އެހެންވީމަ ގޮތް ނިންމަންވީ ރައްޔިތުން ކަމަށާއި "އަންނަނީ އަންނަނީ" ގައި އިތުރު ފަސް އަހަރު ދުއްވާނުލުމުގެ އިހްތިޔާރު އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުގައި ވޯޓުލާންވީ ނަތީޖާ ނެރެދޭނެ އެކަން ސާބިތުކޮށްދީފައިވާ މީހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުރީ ތައްޔާރަށް. ހޮވައިދީފިނަމަ ފެންނާނީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާތަން. މިހާރު ވެސް ކައުންސިލަށް އިންތިހާބުވީ ދުވަހުން ފެށިގެން އަޅުގަނޑު މި މަސައްކަތް ކުރަނީ ގޭގެއަށް ގޮސް ރައްޔިތުންގެ ގާތަށް ގޮސްގެން ނޫންތޯ؟" މުއިއްޒު ވިދާޅުވި އެވެ.
"އެ މަންޒަރު ދެން ވެސް ފެންނާނީ. އަޅުގަނޑަށް ވޯޓު ދީގެން ދެން ނުގެއްލޭނަން. ރައްޔިތުންގެ ގާތަށް ދާނަން. އަޑު އަހާނަން. ރައްޔިތުންގެ ވެރިކަމެއް ކުރާނީ،"