މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިކްސް ރިލޭގައި ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.
މިއީ އިންޓަނޭޝަނަލް މުބާރާތެއްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މިކްސް ރިލޭއިން ހޯދި ފުރަތަމަ މެޑައްޔެވެ.
އިއްޔެ މިކްސް ރިލޭގެ 4 ގުނަ 400 މީޓަރު އިވެންޓްގައި ރާއްޖޭގެ ޓީމުން ދުވީ ރާއްޖޭގެ އެއްވަނަ ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދު، އެއްވަނަ އަންހެން ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަން އަދި ހުސައިން ރިޒާ އާއި ޒިވާ މޫސާ އެވެ.
ޖުމުލަ ހަ ގައުމުން ވާދަކުރި ރޭސް ރާއްޖޭގެ ދުވުންތެރިން ތިންވަނައިގައި ނިންމީ 3:33.86 (3 މިނެޓާއި 33.86 ސިކުންތު) އިންނެވެ.
އެއްވަނަ ހޯދައިގެން ރަން މެޑަލް ހޯދީ މަޑަގަސްކަރާގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3:29.68 ންނެވެ. ދެވަނަ ހޯދީ 3:30.33 ރީޔޫނިއަން އެވެ.
ހަތަރުވަނަ ހޯދީ މޮރިޝަސްގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3:36.80 ންނެވެ. ފަސްވަނައިގައި މަޔޯޓޭން ރޭސް ނިންމީ 3:49.55 ންނެވެ. ހަވަނަ އަށް ދިޔައީ ސީޝެލްސް އެވެ. އެ ޓީމުން ރޭސް ނިންމީ 3:54.36 ންނެވެ.
މިއީ ވަރުގަދަ އަށް ތައްޔާރުވެ، އެތުލެޓިކްސްއިން ހޯދި ފުރަތަމަ މެޑަލް އެވެ. އިއްޔެ 100 މީޓަރުގައި ފައިނަލަށް ވެސް ސާއިދަށް ނުދެވުނެވެ.