ބ. ތުޅާދޫގައި މި ސަރުކާރުން ހަދަން ނިންމި ނަމަވެސް، އަދިވެސް މަސައްކަތް ނުފެށޭ އެއާޕޯޓް އޭނާގެ ވެރިކަމެއްގައި ނިންމާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތުޅާދު އަށް މިއަދު ވަޑައިގެން މި ރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތުޅާދޫގެ އެއާޕޯޓް މަޝްރޫއަކީ މުހިންމު މަސައްކަތެއް ކަމަށާއި އޭނާގެ ސަރުކާރެއްގައި އެ މަސައްކަތް ފުރިހަމަކަމާ އެކު ނިންމާނެ ކަމަށެވެ.
"އެއާޕޯޓް، ކުރަން ނުކުރަން އުޅޭ އެއާޕޯޓްގެ މަސައްކަތް ކޮށް ނިންމާފައި ދައްކަން. އަޅުގަނޑުމެންނަކީ ކުރަން ކުރަން އުޅޭ ބައެއް ނޫންކަން އެނގޭނެ. ކުރާނެ ކަމަށް ބުނެފިއްޔާ އޮތީ ކޮށްފައި ދައްކާނަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
"ޝައްކު ނުކުރައްވާ. ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެން ހުސް ވައުދެއް ނުވާނަން. ފައިނޭންސް ހޯދާނެ ގޮތާއި ކަމުގެ ޓެކްނިކަލް މައުލޫމާތު އަޅުގަނޑުމެން އަތުގައި ހުންނާނެ."
މި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުޅާދު އަށް ވަޑައިގެންފައިވާއިރު އެއާޕޯޓަށް ބޭނުންވާ ބިން މި ހަފުތާގައި ހިއްކުމުގެ މަޝްރޫއު ވަނީ ފަށައިފަ އެވެ. ނަމަވެސް، އެ މަޝްރޫއު ފަސް އަހަރު ތެރޭ ނުފެށި އެންމެ ފަހު ވަގުތު އެކަން ކުރަން ފެށޭވަރުވުމުން، މި ރަށުގައި ކަންބޮޑުވުން އެބަ އޮތެވެ.
މުއިއްޒު ވަނީ ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް ވެސް ބާރުސްޕީޑްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން އެތަން ނިންމާފައިވަނީ ރައްޔިތުން އެދޭ ތަނުގައި ނޫން ކަމަށާއި އޭނާގެ ސަރުކާރެއްގައި ހޮސްޕިޓަލް ހަދާނީ ރައްޔިތުން އެންމެ ބޭނުންވާ ބިމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެއާޕޯޓާ އެކު އިގްތިސާދީ ތަރައްގީއަށްޓަކައި ގިނަ ކަންކަން ހުންނާނެ. ގެދޮރުވެރިކަން ހައްލު ކުރުން. ފަޅުގައި ވެސް ޖާގަ އެބަ އޮތް. ބިން ހިއްކުމުގެ މަޝްރޫއުއަކާ އެކު ހައުސިން މަޝްރޫއުއެއް. މި ސަރުކާރާއި ރައްޔިތުންނާ ނެތް ކަނެކްޝަނެއް. ކަނެކްޝަން ކެނޑިފައި އޮތީ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރު ހިންގާނީ ރައްޔިތުންގެ ވިންދާ އިހުސާސްތަކާ އެއްގޮތަށް، ބަނދަރު ހެދިޔަސް ހޮސްޕިޓަލް އެޅިޔަސް ކޮންމެ ކަމެއް ވެސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން."
ހޮސްޕިޓަލްގެ އިތުރުން ތުޅާދޫގެ ފަޅުން ބިން ހިއްކައި، ބޮޑު ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށް ވެސް މުއިއްޒު އިއުލާން ކުރެއްވި އެވެ. މި ރަށުގައި 900 އެއްހާ މީހުން ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާއިރު، މި މަޝްރޫއާ އެކު އެ އެންމެންނަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރެއްގައި ރަށްރަށުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަވާނެ އެވެ. އެ އަގުތައް މިރޭ އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ސަރުކާރުން ރަށްރަށުގެ ހައުސިން ޔުނިޓްތަކުން ވެސް 5،000 ރުފިޔާ ކުލީގެ ގޮތުގައި ނަގަމުން ދިޔުމަކީ އަދުލުވެރިކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ތުޅާދުއަކީ ލިޔެލާޖެހުމަށް މަޝްހޫރު ރަށަކަށް ވާއިރު، މި ރަށުގައި ލިޔެލާޖެހުމަށް ހާއްސަ ތަމްރީނު މަރުކަޒެއް އަޅާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިއަދު ހެނދުނު ވަނީ ބ. ދަރަވަންދު އަށް ވެސް ވަޑައިގެންފަ އެވެ. އެ ރަށުގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް ބޭނުންވާ ތަރައްގީތައް ގެންނަވާނެ ކަމަށެވެ. އަދި، ރަށަށް ބޭނުންވާ ހައުސިން މަޝްރޫއު ވެސް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕެއިންގައި ބ. އަތޮޅަށް އިއްޔެ މުއިއްޒު ފެއްޓެވި ދަތުރު ތުޅާދުއާ ހަމައިން ވަނީ ނިންމަވާލައްވައިފަ އެވެ. ދެން އޭނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޅ. އަތޮޅުގެ ރަށްތަކަށެވެ.