އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ ވޭމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެނބުރި ފުރަން ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ސެޕްޓެމްބަރ 2023 - 16:17
ރިސޯޓް މުވައްޒަފުންނަށް މިހާރަށް ވުރެ ގިނައިން އާއިލާ ކައިރިއަށް ދެވޭނެ ގޮތް އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ހަދައިދޭނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ލ. ގަމުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، އޮފް ދުވަސްތައް އެއްކޮށްލައިގެން ޗުއްޓީއެއް ނަގަން ފުރުސަތު ދޭން ގަސްދު ކުރައްވާ ކަމަށެވެ. އެކަން ކުރުމަށް ގާނޫނަށް ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
އޭރުން ތިން މަހުގެ އޮފް ދުވަސްތައް އެއްކޮށްލުމުން 8 ވަރަކަށް ދުވަހުގެ ޗުއްޓީއެއް ލިބޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަހަރީ ޗުއްޓީ އާއި ސްކޫލް ބަންދު ޗުއްޓީތަކުގެ އިތުރުން އޮފް ދުވަސްތަކުގެ ޗުއްޓީ ނެގުމުގެ ފުރުސަތު ރިސޯޓް މުވައްޒަފުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަގިނައިން ރިސޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަދައިދޭން ގަސްދުކުރާ ވާހަކަ ދަންނަވާލަން،" މުއިއްޒު ވިދާޅުވި އެވެ.
ރިސޯޓްތަކުގައި ރިޓެއިނާ އުސޫލުން މަސައްކަތް ކުރާ ފޮޓޯގްރާފަރުން ފަދަ މީހުންގެ މުސާރަ ގާނޫނަށް ބަދަލު ގެނެސްގެން ބޮޑުކޮށް ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިހާރު އޮންނަ ގޮތުން މިފަދަ މުވައްޒަފުންނަށް ލިބެނީ އެ ރިސޯޓަކުން ކަނޑައަޅާ މުސާރައެކެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި އެއީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ކުރެވޭ މަސައްކަތަށް އެކަށީގެންވާ ގޮތެއްގައި އިންސަންތަ އިން ބޮޑު ކުރެވޭ މުސާރައެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓް މުވައްޒަފުންނަށް އެންމެ ފަހި ފުރުސަތުތަކެއް ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގަ އެވެ. އެކަމަށް ބާރު ދެއްވުމުގެ ގޮތުން، ފާހަގަ ކުރެއްވީ ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ޔުނިޓްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދަން ނިންމާފައިވުމެވެ.
އޭގެއިތުރުން؛
- ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް
- ހޮޓެލް ސްކޫލެއް އިމާރާތްކުރުން.
- ތިން ސަރަަހައްދެއްގައި ލޭންގްއޭޖް ސްކޫލެއް ހެދުން.
މުއިއްޒު ވިދާޅުވީ، ރިސޯޓް މުވައްޒަފުންނަށްޓަކައި އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަށް ބެލުމުން، އެއީ މުވައްޒަފުންނަށް އެންމެ ފައިދާވާނެ އެންމެ ފަހި ފުރުސަތުތައް ކަން ގަބޫލު ކުރެވޭނެ ކަމަށެވެ. އެކަންކަން މުވައްޒަފުންނަށް ފުރިހަމަކޮށް ދިނުމަށްޓަކައި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީން ކުރަނީ ރިސޯޓް މުވައްޒަފުން އެގޮތަށް ގަބޫލުކުރައްވައި އަޅުގަނޑުމެންނާ އެކު ކުރިއަށް ދާނެ ކަމަށް ސެޕްޓެމްބަރު 9 ގައި،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެކްސްޗޭންޖު
05 September 2023
މިހުރީ ހަމަ ރަނގަޅު ކަންކަން. އެކަމަކު އަދިވެސް ޑޮލަރ އަގުދަށް ކުރުމަށް ޓަކައި ޓުއަރިޒަމުން ލިބޭ ބޭރު ފައިސާ ދައުލަތުގެ ތެރެއިން ދައުރު ކުރާ ގޮތެއް ނުފެނޭ. ހަމަ ބްލެކަށް މިފެންނަނީ.
ޢިންސާފު
04 September 2023
ނަރުހުން ، ޓީޗަރުން ، ޑޮކްޓަރުން ، އަދި ހުރިހާ މުއައްސަސާ ތަކުގެ މުވައްޒިފުންނަށް މާލެ ހުޅުމާލެއިން ފުލެޓާއި ގޯތި ދީފަ ރެޒޯރޓް މުވައްޒިފުންނަށް ރާއްޖޭގެ އެހެން ތަންތަނުން ހައުސިންގ މަޝްރޫޢު ހިންގަން ނުވިސްނާ. ޜެސޯރޓް މުވައްޒަފުންވެސް ބޯހިޔާވަހިކަން ބޭނުންވަނީ ހަމަ މާލެއިން. މާލެއިން ނުދޭނަމަ ވޯޓް ހަނދާންނައްތާލާ. ލައްކަ ޒަމާން ވެއްޖެ ރެޒޯރޓް މުވައްޒަފުންގެ ބޮލަށް ތިޔަހެން އެރިގެން ވޯޓް ހޯދާތާ. މިހާރު ދެން ފުދިއްޖެ.
މުހުސިން އަލީ
04 September 2023
ރިސޯޓް ކުދިންނާއި ދޭތެރޭ ވިސްނާ ކެންޑިޑޭޓަކަށް ހުރީ މޭޔަރު އެހެންމަ ހުރިހާ ކުދިންވެސް މޭޔަރަށް ވޯޓް ދީ ފުރާލަމާ
ޔަމީން އިބްރާހިމް
04 September 2023
ރިސޯޓް މުވައްޒަފުން ތިބީ މުއިޒް އާއިއެކު ސާބަހޭ މުއިޒް
ބަދޫރާ
04 September 2023
އަޅުގަނޑުގެ ދަރިފުޅަށްވެސް ދެން އާދެވޭނެތާ ފަސޭހައިން މުއިޒް ވަރުގެ ވިސްނޭ ކެންޑިޑޭޓެއް ހަމަ ނެތް ވޯޓް ދޭނީ މުއިޒް އަށް
ަސދފ
04 September 2023
ކޮބާތޯ 2013 ގަ ރިސޯޓްމުވައްޒިފުންނަށް ހިއްސާ ދޭންވީ ވައުދު..؟
ހޮޅި ވާހަކަ
04 September 2023
އެއްވެސް ވެރިއަކަށް ރިސޯޓް މަހުޖަނުންނާއި ނުކުޅެވޭނެ. އެއީ ވާނެކަމެއް ނޫން
ވެއިޓަރު ތ
04 September 2023
ރެސޯރޓް ވަޒީފާ ތަކުގައި އުޅޭ މީހުންނަށް ވެސް އެއަރ ޕޯރޓާއި ބުރިޖު އަޅާދޭން ބުނެގެން ވަޢުދު ފުއްދޭނީ!
އަހުލާމް
04 September 2023
ޝުކުރިއްޔާ އުފާވެރި ހަބަރެއް މުއިޒް 2023
ހަސަން ސަނީހު
04 September 2023
އަސްލުވެސް މުއިޒް ވަރުގެ މީހެއް ހަމަ ނެތް މަގޭ ދޭނީ މުއިޒްއަށް ވޯޓް