ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ރީ ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ހަމަޖެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރީ ރަޖިސްޓާވުމަށް ހުށަހަޅާނީ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އީސީން ބުންޏެވެ.

އެ ކޮމިޝަނުން ވަނީ ރީރަސްޖިސްޓާ ވުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އޭގެ އިތުރުން މާލޭގެ ދަރުބާރުގެއާއި އެހެން ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.