މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން މިއަދު ހަވީރު ސޯޝަލް ސެންޓަރުން ފަށަން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ، މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރު ކައިރިން ފަށާ ހިނގާލުން ނިންމާލާނީ އުސްފަސްގަނޑު ސަރަހައްދަށް ކަމަށެވެ.
އެ ޕާޓީން ވަނީ އެ ހިނގާލުމުގައި ރައީސާއި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ވަނީ ގިނަ ރަށްތަކަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. ދެވަނަ ބުރުގެ ގިނަ ދުވަސްތައް މަޑުކުރެއްވީ މާލޭގައި އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި ހައްލުތައް ހޯއްދަވައި ދެއްވުމަށެވެ.
އޭގެ ފަހުން، ބުދަ ދުވަހު އައްޑު އާއި ފުވައްމުލަކާއި ތިނަދު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ. އެ ތިން ސިޓީއަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރާއި ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކުރައްވައި ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސާ ވާދަކުރައްވާނީ އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.