ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަނެ، ކާމިޔާބު ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސް ކުރެއްވި "އެކްސް" ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން. އެކުގަ މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީގެ މެމްބަރުން އަދި އަޅުގަނޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެހެން ބައެއް ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިންތިހާބުގެ ކާމިޔާބާ އެކު މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާ އިން ލިބިގެން ދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު، ކާމިޔާބީއާ އެކު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަން ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު، ކާމިޔާބީއާ އެކު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަން ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

"އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައި ރައްޔިތުން ބޭނުންވެގެން ތިބި މިންވަރު އެނގިގެން މި ދިޔައީ. އެކަމަށް ޓަކައި އަޅުގަނޑަށް އިތުބާރު ކުރެއްވެވި ހުރިހާ ބޭފުޅުންނާއި އަދި ހިޔާލު އެއްގޮތް ނުވި ނަމަވެސް ދެން ތިއްބެވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން،" މުއިއްޒު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވި އެވެ.

"މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު. އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު. އަޅުގަނޑުމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭނެ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭނެ."

މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ފޮށި ގުނާފައިވާއިރު މުއިއްޒު ވަނީ 126،612 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. އެއީ، 18،432 ވޯޓުގެ ފަރަގެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން ވޯޓު ލާފައިވާ ކަމަށް ބެލެވެނީ 85 ވަރަކަށް ޕަސެންޓް މީހުންނެވެ. އޭގެ މާނައަކީ، އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވެސް 15،474 ވޯޓުގެ ފަރަގެވެ.