އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ދިވެހި ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ވެއާ ހައުސްއަކަށް މިއަދުގެ ބޮމުގެ ހަމަލާއެއް ދީފި އެވެ.
އައިއޭސީ އިން ބުނީ، ފަލަސްތީނުގެ މީހުންނަށް އެހީގެ ގޮތުގައި ގެނެސްފައި ހުރި ގިނަ އަދަދެއްގެ ސާމާނުތަކަށް އެ ހަމަލާގައި ގެއްލުން ލިބުނު ކަމަށެވެ.
އެ ވެއާ ހައުސްގައި ބަހައްޓާފައި ހުރި 2،000 ބްލެންކެޓާއި 1،000 ފުޑް ޕެކާއި 3،000 އަންނައުނު ޕެކް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އައިއޭސީގެ މުވައްޒަފުން ދަތުރުކުރަމުންދިޔަ ކާރަކަށް ވެސް އިސްރާއިލުން ހަމަލާދިން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އައިއޭސީ އިން ބުނިގޮތުގައި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފަލަސްތީނަށް އެހީވުމަށް އައިއޭސީ އިން ހުޅުވި ފަންޑަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން މިއަދު ވަނީ ބުނެފަ އެވެ.
އިސްރާއިލުން މިހާރު ގާޒާ އަށް ދެމުން ދަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި، އިސްރާއިލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ. އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހި، ގެދޮރު ގެއްލިފައި ވެ އެވެ.