ޓީވީ ޑްރާމާތަކުގައި މަޝްހޫރު އަންކިތާ ލޮކާންޑޭ އަދި އިތުރު 16 ބައިވެރިންނާ އެކު، އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް 17" އިއްޔެ ފަށައިފި އެވެ.

"ބިގް ބޮސް 17"ގެ ފުރަތަމަ އެޕިސޯޑު ވަނީ ރޭ ކަލާސް ޓީވީން ދައްކައިފަ އެވެ.

މިފަހަރުގެ ސީޒަން ވެސް ހޮސްޓުކުރަނީ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާނެވެ. މިއީ ސަލްމާން ހޮސްޓުކުރާ ބިގް ބޮސްގެ 14 ވަނަ ސީޒަނެވެ.

މި ސީޒަންގައި އިންޑިއާގެ ޓީވީ ޑްރާމާތަކުގައި މަޝްހޫރު ތަރިންނާއި ސޯޝަލް މީޑިއާގައި މަގުބޫލު މޫނުތައް ވެސް ބައިވެރިވި އެވެ.

އާ ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ ބައިވެރިޔަކީ އަންކިތާ އެވެ. އަންކިތާއާ އެކު އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ވިކީ ޖެއިން ވެސް މި ސީޒަންގައި ފެންނާނެ އެވެ. އެ ދެމަފިރިންގެ އިތުރުން ޓީވީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު ނީލް ބަޓް އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ޝަރްމާ ވެސް މި ސިޒީންގައި ބައިވެރިވެ އެވެ.

އިތުރު ބައިވެރިންގެ ތެރޭގައި ހިމެނެނީ މަންނަރާ ޗޯޕްރާ، މުނައްވަރު ފާރުގީ، ނަވިދު ސޯލް، އަނޫރާގު ދޯބަލް، ސަނާ ރައީސް ހާން، ޖިގްނާ ވޯރާ، ސޯނިއާ ބަންސަލް، ފިރޯޒާ ހާން، ސަނީ އާރްޔާ، ރިންކޫ ދާވަން، އަރުން ސްރީކާންތު މަހާޝެޓީ، އަބީޝޭކް ކުމާރު އަދި އިޝާ މަލްވިޔާ އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރާ މަންނަރާ ޗޯޕްރާ އަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ޕަރިނީތީ ޗޯޕްރާގެ ބައްޕަ ފަރާތު ކަޒިންއެކެވެ. ސަނާ ރައީސް ހާން އަކީ ޝާހްރުކް ހާންގެ ދަރިފުޅު އަރްޔަން ހާންގެ ޑްރަގް ކޭސް އާއި އަދިވެސް އިންޑިއާގެ ވަރަށް ހައި ޕްރޮފައިލް ކޭސްތަކުގައި މަސައްކަތް ކުރި ވަކީލެކެވެ.

މި ސީޒަންގައި އިންޑިއާގެ ކުރީގެ ކްރައިމް ރިޕޯޓަރު، ޖިގްނާ ވޯރާ ވެސް ބައިވެރިވެ އެވެ. ޖިގްނާ އަކީ އިންޑިއާގެ ކުރީގެ ކްރައިމް ރިޕޯޓަރެއް ކަމަށްވާ ޖިޔޮތެންދުރަ ދޭ މާރަލި މައްސަލާގައި ދޮގު ތުހުމަތެއްގައި ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހުނު ނޫސްވެރިއެކެވެ. އޭނާގެ ހަޔާތަށް ލިޔުނު ވާހަކައަކަށް ބިނާކޮށް "ސްކޫޕް"ގެ ނަމުގައި މިފަހުން ނެޓްފްލިކްސް އިން ސީރީޒެއް ވެސް ގެނެސްދިނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ބިގް ބޮސް 17" ގެނެސްދެނީ 15 ހަފުތާއަށެވެ. މި 15 ހަފުތާގެ ކޮންމެ ދުވަހަކު އާ އެޕިސޯޑެއް ގެނެސްދޭނެ އެވެ.