ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ދެންމެ އާންމު ކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ.
ގުރުއަތުލުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވައިލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ހައުސިން މިނިސްޓްރީން ވަނީ 13،000 މީހުން ޝަރުތު ހަމަވާ ކަމަށާއި އެ އެންމެންނަށް ފްލެޓު ދޭނެ ކަމަށް ބުނެފަ އެވެ.