މެންޗެސްޓާ (ނޮވެމްބަރު 5) - ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ އަމިއްލަ ދަނޑޫގައި 6-1 އިން ބޯންމަތު ބަލިކުރި މެޗުގައި އެޓީމަށް ކުޅޭ ބެލްޖިއަމް ވިންގާ ޖެރެމީ ޑޯކޫ ވިދާލައިފި އެވެ.
މި ސީޒަންގައި ފްރާންސްގެ ރެންސް އަށް 55.5 މިލިއަން ޕައުންޑް ދީފައި ގެނައި 21 އަހަރުގެ ވިންގާ ވަނީ ރޭ ސިޓީން ޖެހި ހަ ގޯލުގެ ތެރެއިން ފަސް ގޯލުގައި ހިއްސާ ވެފަ އެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ޑޯކޫ، ސިޓީއަށް ލީޑު ނަގައިދިން ގޯލަށް ފަހު، އޭގެ ތިން މިނިޓު ފަހުން ބެނާޑޯ ސިލްވާ ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ ޑޯކޫ ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓު ފަހުން ސިޓީގެ ތިންވަނަ ލަނޑަކީ ޑޯކޫ ފޮނުވާލި ބޯޅައެއް ސިޓީގެ ޑިފެންޑަރު މެނުއެލް އަކަންޖީ ބުރަކަށީގައި ޖެހިފައި ވަން ގޯލެކެވެ.
ދެވަނަ ހާފުގައި މެޗުގެ 64 ވަނަ މިނިޓުގައި ފިލް ފޯޑެން ސިޓީގެ ހަތަރުވަނަ ގޯލު ޖެހީ ޑޯކޫ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އަދި 83 ވަނަ މިނިޓުގައި ބެނާޑޯ ސިލްވާ އެޓީމުގެ ފަސްވަނަ ގޯލު ޖެހީ ވެސް ޑޯކޫ ދިން ބޯޅައެއް ކީޕަރު ގައި މަތިން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.
ޒުވާން މިޑްފީލްޑަރު އޮސްކާ ބޮބްގެ އެހީތެރިކަމާ އެކު މެޗުގެ 88 ވަނަ މިނިޓުގައި ސިޓީގެ ހަވަނަ ގޯލު ޖަހައިދިނީ ނަތަން އަކީ އެވެ. ބޯންމަތަށް ސުން ކަނޑުވައިދިން ގޯލު 74 ވަނަ މިނިޓުގައި ޖަހައިދިނީ ލުއިސް ސިނިސްޓެރާ އެވެ.
"އޭނާ ހުރިހާ ފުރުސަތެއް އެ ތަނަވަސް ކޮށްދެނީ ސަޕޯޓަރުން ކައްކުވާލައިފަ. އޭނާ އަށް ބޯޅަ ލިބޭއިރަށް އެންމެން ވެސް ތިބެނީ އުފަލުން، އަހަރެން ވެސް،" ޑޯކޫއާ ގުޅޭގޮތުން ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
"އޭނާ ސިޓީއަށް އެންމެ ފުރަތަމަ ކުޅޭތަން އަހަރެން ބެލީ ޓީވީ އިން، ފުލަމް އާ ދެކޮޅަށް. އޭރު އަހަރެން އޮޕަރޭޝަން ކޮށްގެން އުޅުނު ދުވަސްވަރު. އެ މެޗުގައި އޭނާ ވަރަށް ލަދުން ހުރީ. އަހަރެން އެކަމާ އޭނާއާ ވާހަކަ ދެއްކިން. އަހަރެން ސުވާލު ކުރިން އޭނާއަށް ވިސްނޭތޯ ސިޓީ އިން އޭނާއަށް އިންވެސްޓް ކުރި ސަބަބު. އެއީ އޭނާގެ ހުނަރުގެ ސަބަބުން. ސިޓީގައި ކުޅެން ލިބޭ ފުރުސަތުތަކުގައި ހުނަރު އެންމެ ފުރިހަމައަށް ދައްކައިދޭން އެދުނިން."
ގާޑިއޯލާ ބުނީ ހަނި ޖާގަތަކުގައި ހަލުވި ކުޅުންތެރިން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި، ޑޯކޫ އަކީ އޭގެ ތެރޭން ކުޅުންތެރިއެއް ކަމަށެވެ.
ސިޓީގެ މި މޮޅާ އެކު އެޓީމު ވަނީ 11 މެޗުން 27 ޕޮއިންޓް ހޯދައި ވަގުތީގޮތުން އެއްވަނަ އަށް ޖެހިލައިފަ އެވެ. މިވަގުތު ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 26 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު ޓޮޓެންހަމް ނުކުންނާނެ އެވެ.