އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ޖިހާދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޮމްބަޑްސްޕާސަންގެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވުނު ނަމަވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިގާލީ އިންސާފުގެ އޮފީހަށް ފުރަތަމަ ކަނޑައެޅި ދެ އަހަރުގެ ދުވަހުގެ ތެރެއިން ފުރަތަމަ އަހަރު ނިމިގެން ދިޔައިރު ވެސް، ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލުތަކެއްގެ ސަބަބުން މައްސަލަތަކުގެ ތަހުގީގެއް ނުފެށެ އެވެ. ރަނގަޅަށް މަސައްކަތް ކުރެވުނު ނަމަ، އެ އޮފީހަށް ހުށަހެޅުނު 469 މައްސަލަ ބެލޭނެ ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.
"މަސައްކަތްކުރަން ލިބުނު ކުޑަ ފުރުސަތުގައި 2022 ވަނަ އަހަރު ނިމުނުއިރު، ގިނަ މައްސަލަތަކެއް ނިންމާފައިވީ ނަމަވެސް، އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި އޮފީހުގެ އެންމެ އިސްފަރާތުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ވެސް އެ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ސުލްހަކުރުމުގެ މަސައްކަތް ވަނީ ނުފެށިފަ އެވެ،" ބަޔާނުގައިވެ އެވެ.
"ފަހުން އައްޔަން ކުރެވުނު އޮމްބަޑްސްޕާސަނަކު ގިނަ ދުވަސްތަކެއްގައި އޮފީހަށް ހާޒިރުވެ ވަޑައިގެންފައިނުވެ އެވެ."
ކުރީގެ އެސިސްޓެންޓު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޖިހާދާ ވިދާޅުވި ގޮތުގައި މައްސަލަތަކުގައި ގޮތެއް ނިންމަން ތަކުރާރުކޮށް އެދުނު ނަމަވެސް، "ވެރިން" އިސްކޮށްފައިވަނީ އަމިއްލަ މަސައްކަތްތަކެވެ. އަދި މިފަދަ ބައްދަލުވުންތަކަށް ވަޑައިނުގަތުމުގެ ސަބަބުން މަސައްކަތްތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެން ދިޔަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އޭނާ ވަނީ މައްސަލަތައް ނުނިންމައި ދިގު ދެންމުމަށް ފަހު ދައުރު ނިމެން ދެ ހަފްތާއަށް ވެފައިވަނިކޮށް ގަވައިދުތަކާއި ތަހުގީގުކުރުމުގެ އުސޫލުތަކާ ހިލާފަށް ކުއްލިއަކަށް މަސައްކަތްތައް ނިންމަން ފަށައި، ކުރީން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"..... އޮމްބަޑްސްޕާސަނުން ހާޒިރުނުވާ ބައްދަލުވުންތަކަށް ހާޒިރުވިކަމަށް ހެދުމާއި ކުރީން އޮމްބަޑްސްޕާސަނުންގެ ރަސްމީ ބައްދަލުވުންތަކުން ނިންމާފައިވާ މައްސަލަތަކުގައި ބައިވެރިވި އޮމްބަޑްސްޕާސަނުންނަށް އެނގުމެއްނެތި ތާވަލްކުރެވި އަލުން ގޮތް ނިންމުމާއި، އެކަމާ ގުޅޭ މައުލޫމާތު އަޅުގަނޑަށް ނުލިބުމާއި އިންތިގާލީ އިންސާފުގެ ގާނޫނާ ހިލާފަށް މަސްލަހަތު އެކުލެވޭ މައްސަލަތަކުގައި ބައިވެރިވެ ވަޑައިގެން ދަނީ ގޮތް ނިންމުން،" އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެތައް އުނދަގޫތަކާ އެކު މަސައްކަތުގައި ދެމިހުރިއިރު ހީވެސް ނުކުރާ ފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ އެ އޮފީހުގެ މުވައްޒަފަކު މަސްތުވެގެން ހުރެ އޭނާގެ ކޮޓަރިއަށް ވަދެ، ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރަމުންނެވެ.
އެ މުވައްޒަފުގެ ފަރާތުން ތަކުރާރުކޮށް އެފަދަ މައްސަލަތައް ހިނގިނަމަވެސް، އެ މުވައްޒަފަކީ ޗީފް އޮމްބަޑްސްޕާސަން ސަލާމްއާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކަށް ވާތީ ފިޔަވަޅެއް ނާޅައި، ހިމާޔަތް ދީފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.
"މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަންދުން އެ މުވައްޒަފު ވީއްލުމުން، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް އެ މުވައްޒަފަށް ފިޔަވަޅެއް ނޭޅޭނެކަން ދޭހަވާ މޭރުމަކުން އޮފީހުގެ މުވައްޒަފުން ތިބޭ ވަޓްސްއަޕް ގްރޫޕުގައި ވާހަކަ ދައްކާފައިވެ އެވެ. އަދި ތަކުރާރުކޮށް އަޅުގަނޑަށާއި އެހެން އަންހެން މުވައްޒަފުންނަށް އުނދަގޫކޮށްފައިވެއެވެ."
މީގެ އިތުރުން ވެސް އޮފީސް މާހައުލުގައި ބުލީކުރުމަކީ ވެސް އާންމު ކަމަކަށް ހަދައި، މުވައްޒަފުންނަށް ނަފްސާނީ ގޮތުން އެތައް އަނިޔާތަކެއް ލިބެމުން ދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމުގެ ކަންބޮޑުވުން ޖިހާދާ ފާޅުކުރައްވައިފައި އެވެ.
އޭނާ ވިދާޅުވީ، އަންނަ ހުކުރު ދުވަހަށް އޮފީހުގެ މަސައްކަތްތައް ނިމޭއިރު، އޮފީހުގައި މަސައްކަތްކުރާ ދާއިމީ ގިނަ މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާފައިނުވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ މިފަދަ ކަންކަމުގައި އެޅޭނެ ފިޔަވަޅެއް ނެތުމާއި ކުރިއަށް އޮތް މަދު ދުވަސްތަކުގައި ގަވައިދުތަކާ ހިލާފަށް އެތައް ކަމެއް ކުރާނެ ކަމަށް ގަބޫލުކުރެވޭތީ އެ ތަނުގައި ހުރުމަށް ޒަމީރު ގަބޫލުނުކުރާ ކަމަށެވެ.