އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފަކު މަސްތުވެގެން އޮފީހަށް ގޮސް، މުވައްޒަފުންނަށް އުނދަގޫކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް މިއަދު އޭނާ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މި ތުހުމަތުގައި ހައްޔަރުކުރީ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުރި މުހައްމަދު އިބްރާހިމެވެ. އޭނާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުވާތީ މަގުމަތިންނެވެ.
މުހައްމަދު ޓެސްޓް ކުރިއިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެކަމަކު ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވީ އެއްވެސް މައްސަލައެއްގައި އެއްވެސް މުވައްޒަފަކު ހައްޔަރުކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ އިއްޔެ ވަނީ އެއްވެސް މުވައްޒަފެއްގެ ފަރާތުން މުވައްޒަފުންނަށް ފުރައްސާރަ ކުރިމަތިވާ ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެ އޮފީހުން ވާހަކަދެއްކި މީހުން ބުނެފައިވާ ގޮތުގައި މުހައްމަދުގެ އުނދަގޫ، އަންހެން މުވައްޒަފުންނަށް ފޯރާތީ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އޮތީ އުފެދިފަ އެވެ. އެހެންވެ، ކަމާގުޅޭ ފަރާތްތަކަށް ވެސް އެކަން ހުށަހެޅި ކަމަށް ބުންޏެވެ.
އޭނާ މި ހައްޔަރުކުރީ އެ މައްސަލަ އަށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައި، އެއްވެސް ހައްލެއް ނުފެނިގެން "މިހާރު"ގެ ނޫސްވެރިންނަށް އެ އޮފީހުގެ ބައެއް މުވައްޒަފުން އެ ވާހަކަ ކިޔައިދީ، އިއްޔެ ނޫހުގައި އެ ވާހަކަ ޝާއިއުކުރި ފަހުންނެވެ.
ކުރިން ފުލުހަކަށް ވެސް އުޅެފައިވާ މުހަންމަދު އެ އޮފީހުގައި މީހުންގެ ގަޔަށް އަތްލަން މަސައްކަތްކޮށް ހަޑި ހުތުރު މެސެޖު ކުރުން ފަދަ ކަންކަން ވެސް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.
"މަސްތުވެގެން ހުރެ އޮފީހުގައި މީޓިންތަކުގައި ވެސް އަޑުގަދަކޮށް ބިރު ދެއްކުން ފަދަ ކަންކަން ކުރޭ. އަދި މަސްތުވެގެން ހުރެ އޭނާ އަމިއްލަ އަށް ވެސް ބުނި ތިމަންނަ އަކީ ޑްރަގް ބޭނުންކުރާ މީހެކޭ. މި ހުރިހާ ކަމެއް ވެސް އިނގޭނެ ކަމާގުޅޭ ފަރާތްތަކަށް. އެކަމަކު ފިޔަވަޅެއް ނާޅާ،" އޭނާ ބުންޏެވެ.
ވާހަކަ ދެއްކި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މުހައްމަދާ މެދު ފިޔަވަޅެއް ނޭޅެނީ ޗީފް އޮމްބަޑްސްޕާސަންއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ.
އެކަމަކު ސަލާމް ވިދާޅުވި ގޮތުގައި މުވައްޒަފަކު މަސްތުގެ ހާލަތުގައި އޮފީހަށް ނުކުމެ، މުވައްޒަފުންނަށް ފުރައްސާރަކުރާ ކަމުގެ މައްސަލައެއް ހުށަހަޅައިފައެއް ނެތެވެ. އިތުރު ތަފްސީލު ލިބުމުން ފުރިހަމައަށް ޖަވާބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.