މަސްތުވާތަކެއްޗާއެކު ވިލިމާލޭން ހައްޔަރުކުރި ފިލްމީ ތަރިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ވިލިމާލޭގައި މި މަހުގެ 8 ވަނަ ދުވަހު ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހު (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) އެވެ. އޭގެ އިތުރުން އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ ޝާހިލު މުހައްމަދު ވެސް އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާތީ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ދެން ހުރި މީހާ ވެސް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އެ ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
އެ ކޮޓަރިން ފެނުނު ތަކެތީގެ ބަރުދަނުގައި ޓްރެފިކިން މިންގަނޑު ހަމަވާ ވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ބުނެފަ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ މައްޗަށް އޮތީ މަރުވަންދެން ޖަލުގައި އޮންނަން ޖެހޭ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ކުރިން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ އުވާލައިފަ އެވެ.