އަންހެނަކު ލައިގެން ހުރި ޖަނގިޔާ ތެރޭ ފޮރުވާފައި ހުރި މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުކުވުމުން ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީން އަނބުރާ ގެންގޮސްފައިވަނީ ލ. އަތޮޅުގައި 2024 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހއ. ހޯރަފުށީ އަންހެނެއްގެ މައްޗަށް ކުރި ދައުވާ އެވެ. އެ އަންހެން މީހާއާ އެކު ލ. މާވަށު ފިރިހެނެއް ކަމަށްވާ އިބްރާހިމް އިމާދު ވެސް ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރީ ބަލައިފާސްކުރި އިރު، އަންހެން މީހާގެ ޖަނގިޔަލުގެ ތެރޭ އޮތް ޕެޑެއްގައި ޓޭޕް އަޅައި ފޮރުވާފައިހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިގެންނެވެ.
އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ. ނަމަވެސް، ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅި ދައުވާ މިހާރު ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ޕީޖީން އަނބުރާ ގެންދިޔައީ އަންހެން މީހާގެ މައްޗަށް ކުރާ ދައުވާ އެވެ. ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް ބުނެފައިވަނީ އަންހެން މީހާގެ އަތުން ފެނުނު މަސްތުވާތަކެއްޗާ އެ މައްސަލައިގައި ދެން ހައްޔަރުކުރި ފިރިހެން މީހާ ހަވާލުވެފައިވުމެވެ. އެހެންވެ، އަންހެން މީހާގެ މައްޗަށް ދައުވާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުން އެގޮތަށް ނިންމާފައިވާތީ މެޖިސްޓްރޭޓް ކޯޓުން ވަނީ މައްސަލަ ބާތިލްކޮށް، އަނބުރާ ފޮނުވާލައިފަ އެވެ.
އިބްރާހިމް އިމާދުގެ އިއުތިރާފަށް ބަލައި، އޭނާގެ މައްޗަށް ވަނީ ދައުވާ ސާބިތުވެފަ އެވެ. ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމަކަށް ގޮސްފައިވާތީ، އޭނާއަށް އިއްވާފައިވަނީ ލުއި އަދަބެކެވެ. އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ 12 އަހަރާއި ހަ މަސް ދުވަހުގެ ހުކުމަކާ އެކު ބައި ލައްކަ ރުފިޔާގެ ޖޫރިމަނާއެކެވެ.