ކެއުމަށް ބަދަލު ގެނެސް ކަސްރަތުކުރާތާ އެތައް ދުވަހެއް ވީއިރު ވެސް ބަރުދަނުން ފުކެއް ވެސް ޖެހިނުލާތީ، ޑައެޓް ޕްލޭން ދޫކޮށްލައި ކުރިން އުޅުނު ސިއްހަތާ ބީރައްޓެހި އާދަތަކުގެ ތެރެއަށް ދާން ވިސްނަނީ ހެއްޔެވެ؟
ސޮނީ ސްޕޯޓްސްގެ އިސްނެގުމަށް ގެނެސްދޭ މި ސެގްމެންޓުގައި މި ކިޔައިދެނީ ލުއިވާން ތިޔަ ކުރާ މަސައްކަތަކަށް ހުރަހަކަށް ވެގެން އުޅެނީ ކޮން ސަބަބެއްތޯ އެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްލާތީ؟
ފަހަރެއްގައި މިއީ ވެސް ސަބަބަކަށް ވެދާނެ އެވެ. ހެނދުނުގެ ފުރަތަމަ ނާސްތާ ދޫކޮށްލުމަކީ ތިމާގެ ހަށިގަނޑާ ދެކޮޅަށް ވަރަށް ގިނަ ކަންކަން ބަދަލުވެގެންދާ ކަމެކެވެ. އެއީ ފަހުން ބަނޑުހައިވާއިރު މިނަށްވުރެ ގިނައިން ކެވެން މެދުވެރިވާ ކަމެކެވެ. ހެނދުނު ސައި ނުބޮއެ ހުރެ މެންދުރު މާގިނައިން ކެވޭ ގޮތްވުން ފަދަ ގޮތަކަަށެވެ.
ނިދައި ހޭލާތާ ގަޑިއެއްހާއިރު ތެރޭ ހެނދުނު ނާސްތާ ކުރެވޭތޯ ބަލާށެވެ. ރަނގަޅުވާނީ ފައިބަ އަދި ޕްރޮޓީން ގިނަ ކެއުމެކެވެ. އޭރުން ބަނޑުހައިނުވެ، ބަނޑު ފުރިފައި ހުރި ކަމުގެ އިހްސާސް ގިނައިރަށް ކުރެވޭނެ އެވެ. ޗީޒާ އެކު މޭވާ އާއި ބިހާއި ހޯލް-ވީޓް ޓޯސްޓް ނުވަތަ ގްރީކް ޔޯގަޓާއި ދޮންކެޔޮ މިއީ ރަނގަޅު ނާސްތާއަކަށް ވާނެ އެވެ.
ނިދާ ގަޑިއާ ގާތްކޮށްފައި ކެވޭތީ؟
ރޭގަނޑު މާ ލަސްކޮށްފައި ކެއުމަކީ ޑައެޓް ޕްލޭން ހަރާބުވާ ކަމެކެވެ. އޭރުން ހަށިގަނޑުގެ ފިނިހޫނުމިނާއި ލޭގައި ހަކުރު ހުންނަވަރާއި އިންސިއުލިން ވެސް މަތިވެ އެވެ. މިއީ ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވަން އުނދަގޫވާ ކަމަކަށްވެ އެވެ. އެހެންވެ، ނިދުމުގެ އެންމެ ލަސްވެގެން ވެސް ތިން ގަޑިއިރު ކުރިން ކާށެވެ.
ދެން ވިސްނަން ޖެހޭ ކަމަކީ ރޭގަނޑު ކެއުމަށް ފަހު، އެކި ފާޑުގެ ސްނެކްތައް ނުކެއުމަށެވެ. ޓީވީ ދޮށުގައި އިނދެގެން، މާބޮޑު ކަމަކަށް ނުހަދައި ހަފާލާ ބައެއް "ލުއި" ކާނާތަކުން ހީނުކުރާހާ ގިނަ ކެލަރީ ހަށިގަނޑަށް ވަދެ އެވެ.
މާބޮޑަށް ސްޓެރެސް ވަނީތަ؟
މިއީ ވެސް ސަބަބަކަށް ވެދާނެ އެވެ. މީހާ ސްޓްރެސްވުމަކީ ގިނައިން ކެލަރީ ހުންނާ ކާނާތަކާ މީހާ ގާތްކުރުވާ ކަމެކެވެ. މީހާ ސްޓްރެސްވެފައި ހުންނަ ނަމަ ހަށިގަނޑުން ސަރުބީތައް ދުއްވާލަން އުނދަގޫވާ ސަބަބަކަށް ވެސް ވެ އެވެ.
އެހެންވީމާ، ސްޓްރެސް ކުޑަކުރަން ކަސްރަތުކުރާށެވެ.
ޖިންސަކީ ސަބަބަކަށް ވެދާނެތަ؟
ބަރުދަން ލުއިކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑުގައި ތަފާތުތަކެއް ހުރެ އެވެ. ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފިރިހެނުންގެ ބަރުދަން އަންހެނުންނާ އަޅާބަލާއިރު މާ ފަސޭހައިން ލުއިވެ އެވެ. އެކަމަކު ދިގު މުއްދަތުގައި ކުރާ މަސައްކަތުން އަންހެނުންނަށް މިކަމުގައި ލިބޭ ކާމިޔާބީ މާ ބޮޑު ކަމަށް ދިރާސާއިން ދައްކަ އެވެ.
ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު އަންހެނުންނާއި ފިރިހެނުންގެ ސަރުބީ ވިރެން ފަށާ ހިސާބު ވެސް ތަފާތެވެ. ފިރިހެނުންގެ އެންމެ ފުރަތަމަ، ބަނޑުގެ މަސްތައް ވިރިގެން ދާއިރު އެއީ އަންހެނުންނަށް އުނދަގޫ ކަމެކެވެ.
އަހަރެންގެ ހަށިގަނޑު އެހެން މީހުންނާ ތަފާތީ؟
ބަރުދަން ލުއިކުރުމުގައި ކޮންމެ މީހަކު ވެސް ތަފާތުވާނެ އެވެ. އަވަހަށް ބަރުދަން ލުއިވުމާއި ނުވުން ބިނާވެގެން ވަނީ އެ މީހެއްގެ މެޓަބޮލިޒަމް [ހަށިގަނޑުގެ ކަންކަން ހަމަޔަކަށް އަޅުވައި ބަލަހައްޓައި ކެމިކަލް ރިއެކްޝަން] އެވެ. ލަސް މެޓަބޮލިޒަމްއެއް ނަމަ އެއީ އެ މީހެއްގެ ޖީންގައި ހުރި ކަމެކެވެ.
ހަށިގަނޑުގައި މަސް ހުންނަ ވަރު ގިނަ މީހުންގެ ހަށިގަނޑުން ކެލަރީތައް އަނދައިގެން ދިއުން، ސަރުބީ ގިނަމީހުންނާނާ އަޅާބަލާއިރު ގިނަ އެވެ.
އިތުރު ސަބަބުތަކުގެ ތެރޭގައި؛
● އުމުރުން ދުވަސްވުން: ކޮންމެ 10 އަހަރުން މީހާގެ ހަށިގަނޑުގެ މެޓަބޮލިޒަމް 2-8 ޕަސެންޓަށް ދަށަށް ދާނެ އެވެ.
● މާ މަދުން ކެއުން: މިއީ ގަބޫލުކުރަން ދަތި ކަމަކަށް ވެދާނެ އެވެ. ކާންޖެހޭ ވަގުތު ނުކާ ނަމަ ނުވަތަ ކެލަރީ މާ މަދު ކާނާ ކާ ނަމަ ހަށިގަނޑުން ކެލަރީ އަނދާ މިންވަރު ވެސް ދަށްވެދާނެ އެވެ.
މި ސަބަބުތައް މިހެން ހުރުމުން، ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށް، ބަރު އުފުލުން ފަދަ ކަސްރަތު ކުރާށެވެ. އަދި ކެލަރީ މާ މަދުން ހުންނާ ކާނާތަކާ ވެސް ދުރުވާށެވެ.
އެކަށީގެންވާ ވަރަށް ނިދި ލިބޭތޯ ބަލާތި!
ރަނގަޅަށް ނިދި ނުލިބޭ ނަމަ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށަށް ދާނެ އެވެ. އެހެން ވުމުން ބަރުދަން ލުއިކުރަން ދަތިވާނެ އެވެ. ރަނގަޅަށް ނިދި ނުލިބޭ ނަމަ ހަށިގަނޑު ވަރުބަލިވެ ރަނގަޅަށް ކަސްރަތުކުރުމަށް ވެސް އުނދަގޫވާނެ އެވެ.
ވަރުބަލިވުމަކީ ރަނގަޅު ކާނާއާ ވެސް މީހާ ދުރުވާ ކަމެކެވެ. މޭވާ ފަދަ ތަކެތީގެ ބަދަލުގައި ފޮނިކާތަކެއްޗަށް ޝައުގުވެރިވެ އެވެ. ފަހުގެ ދިރާސާއަކުން އެނގޭ ގޮތުގައި، އެކަށީގެންވާ ވަރަށް ނުނިދާ މީހުން، އެހެން މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް 300 ކެލަރީ އިތުރަށް ކޮންމެ ދުވަހަކު ނަގަ އެވެ.
ތައިރޮއިޑްގެ ކަމެއް؟
ތައިރޮއިޑް "އަންޑައެކްޓިވް" ނުވަތަ މަސައްކަތްކުރަންޖެހޭ ވަރަށް ނުކުރާ ނަމަ އެއީ "ހައިޕަތައިރިޑިޒަމް" އެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގައި ލޮނާއި ފެން ޖަމާވެ ބަރުދަން އިތުރުވާން މެދުވެރިވެ އެވެ.
"އޯވައެކްޓިވް ތައިރޮއިޑް" އަކީ "ހައިޕަތައިރޮއިޑިޒަމް" އެވެ. މިހެން ވުމުން ވަރަށް ގިނަ މީހުންގެ ބަރުދަން ލުއިވެ އެވެ. އެކަމަކު މި މައްސަލަ ހުންނަ ބައެއް މީހުންނަށް ބަނޑުހައިކަމުގެ އިހުސާސް ބޮޑަށް ކުރެވޭތީ ގިނައިން ކެވޭ ގޮތް މެދުވެރިވެ ބަރުދަން އިތުރުވާ ސަބަބަކަށް ވެސް ވެ އެވެ.
ތައިރޮއިޑުން މެޓަބޮލިޒަމް، ހަކަތަ އަދި ބަރުދަނަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަކީ އޮޅުންބޮޑުން ބޮޑު ކަމެކެވެ. އެހެން ކެމިކަލްތަކާއި ހޯމޯންތަކާއި ޕްރޮޓީންސް ވެސް މިކަމުގައި ދައުރުތަކެއް އަދާކުރެ އެވެ. އެހެންވެ، ބަރުދަނާ ގުޅޭ ކަމެއްގައި މައްސަލަ އަކީ ތައިރޮއިޑާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ޝައްކުވާ ނަމަ އެކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެ އެވެ.
ޖުމްލަކޮށް ސިއްހީ ހާލަތާ ގުޅޭ ކަމަކަށް ވެސް ވެދާނެ؟
މީހެއްގެ ސިއްހީ މައްސަލައެއްގެ ސަބަބުން، ބަރުދަން ލުއިކުރުން އެއީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ބަރުދަނާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގެ ތެރޭގައި؛
● ކެއިންބުއިމުގައި ހަމަ ގެއްލެން މެދުވެރިވާ ބުލީމިއާ
● ހިތުގެ ބަލި
● ހޯމޯންގެ މައްސަލަތައް
● ސްލީޕް އެޕްނިއާ ފަދަ ނިދީގެ މައްސަލަތައް ހިމެނެ އެވެ.
ބައެއް ބޭސްތަކުގެ ސަބަބުން ވެސް ބަރުދަން ލުއިކުރުމުގައި ދަތިވެ އެވެ.
● އެލާޖީސް
● ދޭތެރެދުރުކުރާ ބޭސް
● ޑިޕްރެޝަން
● އެޕިލެޕްސީ
● ލޭމައްޗަށް ދިއުން
● ބައިޕޯލާ ޑިސްއޯޑާ
● ސިޒޮފްރިނިއާ
މިއިން އެއްވެސް ސިއްހީ ކަމެއް ހުރެފައި ބަރުދަނުގެ މައްސަލައެއް އުޅޭ ނަމަ ޑޮކްޓަރަކާ ވާހަކަ ދައްކާށެވެ. އޭރުން، ބޭސް ބަދަލުކޮށްގެން ވެސް ކޮންމެވެސް ހައްލެއް ހޯދިދާނެ އެވެ.
■ މައުލޫމާތު: ވެމްއެމްޑީ