ރިޔާސީ އާ ދައުރާއެކު ސަރުކާރުގެ އޮނިގަނޑަށް ބަދަލުތައް ގެނެސްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ހުވާކުރައްވައި 22 މިނިސްޓްރީއެއް އުފެއްދެވުމަށް ފަހު އެ ތަންތަނަށް ވަޒީރުން ވަނީ އައްޔަކުރައްވައިފަ އެވެ. އެއާއެކު، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް ވެސް ބަދަލުތައް ވަނީ ގެންނަވައިފަ އެވެ.
ހޯމް މިނިސްޓްރީގެ ނަން، ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ އަށް ބަދަލުކުރުމަށް ފަހު އިމިގްރޭޝަން ބަދަލުކުރީ އެ މިނިސްޓްރީގެ ދަށަށެވެ. އިމިގްރޭޝަން އަކީ ކުރިން ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮތް ތަނެކެވެ. އެކަމަކު، މީގެ ކުރިން ޑިފެންސްގެ ބެލުމުގައި އޮތް ކަސްޓަމްސް އަދި އެއްވެސް ތަނެއްގެ ދަށަކަށް ބަދަލެއް ނުކުރެ އެވެ.
ކުރިން ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ޕްލޭނިން މިނިސްޓްރީން މިހާތަނަށް ހިންގި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ބަދަލުކޮށްފައި ވަނީ ހޯމްލޭންޑު ސެކިއުރިޓީގެ މެންޑޭޑަށެވެ.
އޭގެ އިތުރުން، ޖެންޑާ މިނިސްޓްރީ އަދި އޭގެ ފަހުން ހެލްތު މިނިސްޓްރީން ބެލެހެއްޓި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް މި ފަހަރު ހަވާލުކޮށްފައި ވަނީ ހޯމްލޭންޑަށެވެ.
ފޮރިން މިނިސްޓްރީން ހިންގާނީ މިހާރު ވެސް އެ މިނިސްޓްރީގެ ދަށުގައި އޮތް 17 އެމްބަސީއާ ކޮންސިއުލޭޓުތަކެވެ.
ނޭޝަނަލް ޕޭ ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން ބޯޑުގެ ހިންގުން، ކުރިއެކޭ އެއްގޮތަށް ފިނޭންސް މިނިސްޓްރީއަށް އޮންނާނެ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޑީޕީއީ، އެންއައިއީ، ކޮލިޓީ އެޝުއަރެންސާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އަދި ސަރުކާރުގެ ސްކޫލުތަކުގެ ހިންގުން ދެން ވެސް އޮންނާނީ ހަމަ އެ މިނިސްޓްރީގެ ދަށުންނެވެ.
އެކަމަކު، ކުރީގެ ސަރުކާރުގައި ވަކި ބޯޑެއްގެ ދަށުން ހިންގި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލް އަދި ޓާޝަރީ ހޮސްޕިޓަލްތައް މި ފަހަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެމްއެފްޑީއޭ، އެޗްޕީއޭ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު އަދި މޯލްޑިވިއަން ބްލަޑް ސާވިސަސް ވެސް ހިންގާނީ އެ މިނިސްޓްރީގެ ދަށުންނެވެ.
އިކޮމޮނިކް މިނިސްޓްރީއަށް މި ފަހަރު ދީފައިވަނީ އިންވެސްޓް މޯލްޑިވްސް އެކަންޏެވެ. މީގެ ކުރިން ޖޮބް ސެންޓަރާއި ލޭބަ ރިލޭޝަން އޮތޯރިޓީ ހިންގީ އެތަނުންނެވެ. ނަމަވެސް، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ނަން، ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލުކޮށް، ލޭބަ ރިލޭޝަނާއި ޖޮބް ސެންޓަރު ވަނީ އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކް މީގެ ފަހުން ހިންގާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.
ފިޝަރީޒް އަދި އޯޝަން ރިސޯސްގެ މިނިސްޓްރީ އަށް، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓެވެ. އަދި އިސްލާމިކް މިނިސްޓްރީ އަށް ގުރުއާނާ ބެހޭ މަރުކަޒާއި ފަތުވާ މަޖިލީހެވެ.
ޖެންޑާ މިނިސްޓްރީގެ ނަން ސޯޝަލް އަދި ފެމިލީ ޑިވެލޮޕްމަންޓަށް ބަދަލުކޮށް، މީގެ ކުރިން އެ މިނިސްޓްރީން ހިންގި ހުރިހާ ތަނެއް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި އެންސްޕާ، ކުޑަކުދިންގެ ހިޔާތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިމެނެ އެވެ.
ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަންގެ ދަށުގައި އޮތީ، މީގެ އެތައް އަހަރެއް ކުރިން އުފެއްދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އެކަންޏެވެ.
ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އަދި އެނާޖީ މިނިސްޓްރީގެ ދަށުގައި އީޕީއޭ، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ، މެޓް އޮފީސް އަދި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީސް ހިންގާނެ އެވެ.
ހައުސިން، އިންފްރާސްޓްރަކްޗާ އަދި ނޭޝަނަލް ޕްލޭނިން ދެބައި ކުރުމަށް ފަހު އަލަށް އުފެއްދި ހައުސިން، ލޭންޑް އަދި އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ބިއުރޯ އޮފް ސްޓެޓިކްސް އަދި މޯލްޑިވްސް ލޭންޑް އަދި ސާވޭ އޮތޯރިޓީ ހިންގާނީ އެ މިނިސްޓްރީގެ ދަށުންނެވެ. އެއީ މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ހިންގި ތަންތަނެވެ.
ޓްރާންސްޕޯޓާއި ސިވިލް އޭވިއޭޝަންގެ ދަށުގައި އެއްވެސް އެހެން އިދާރާއެއް ނެތެވެ. އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާނީ ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖާއި ދިވެހި ބަހުގެ އެކަޑެމީ އެވެ.
އަލަށް އުފެއްދި ދެ މިނިސްޓްރީ ކަމަށްވާ ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާގެ އިތުރުން އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާގެ މެންޑޭޑުގެ ދަށުގައި އެއްވެސް ތަނެއް އަދި ނެތެވެ.
ޔޫތު، އެމްޕަވަމެންޓް، އިންފޮމޭޝަން އަދި އާޓްސް މިނިސްޓްރީއަކީ ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ ދެބައި ކުރުމަށް ފަހު އުފެއްދި ތަނެކެވެ. އެ ތަނުގައި އޮތީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި ގައުމީ ކުތުބުހާނާ އަދި ގައުމީ އަރުޝީފެވެ.
ސިޓީސް، ލޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސްގައި ހިމެނެނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އެކަންޏެވެ. އެއީ، މީގެ ކުރިން ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގި ތަނެކެވެ.