ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން ޔަގީން ވާތީ، އެކަން ދެން ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބުނު ނާކާމިޔާބީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވިޔަސް އެއްވެސް މީހަކަށް ވަޒީފާ ދިނުން ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ.
"އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި އޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑު ވެސް ދަނީ އެގޮތަށް ދެން،" ރައީސް ވިދާޅުވި އެވެ.
އެއްވެސް މީހަކަށް ދެން ވަޒީފާ ދޭނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެންމެ މި ދެންނެވިހެން އިއުލާން ކުރެވިގެން ކުރިމަތިލައިގެން، މީހާގެ ސީވީއަށް ބަލައިގެން މެރިޓް ބޭސްޑްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައިވާ ނަމަ، އެ ވަޒީފާއެއް ދިން މީހަކު ވަޒީފާއިން ވަކިކުރަން ވެސް މިހާރު އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރަން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ކުންފުނިތަކަށް މިހާރު ވަނީ އަންގައިފަ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށް، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގަވާފައިވާ ކަމަށެވެ. އެކަން ކުރާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަދި ހަމަޖެހޭ އުސޫލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެ އެވެ.