މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގައި މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދައުރުވި ނަމަވެސް، އެފަދަ ލިސްޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ އެ ލިސްޓުގެ ސައްހަކަމާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ދެއްވި ކުރު ޖަވާބުގައި ރައީސް ވިދާޅުވީ "އަޅުގަނޑާ ހަމައަކަށް ތިކަހަލަ ލިސްޓެއް ވެސް ނާދޭ،" ކަމަށެވެ. 

ސޯޝަލް މީޑިއާގައި އެ ލިސްޓު ދައުރުކުރީ އެއީ ރައީސް އޮފީހުން އެމްއޭސީއެލްއަށް ފޮނުވި ލިސްޓެއް ކަމަށް ބުނެ އެވެ. އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރައެއް ނަގާ ކަމަށް ބުނާ މީހުންގެ އެ ލިސްޓުގައި 85 މީހެއްގެ ނަން އޮތެވެ. 

"އަޅުގަނޑުމެން އޮންނާނީ ޖުމްލަކޮށް ހުރިހާ އެސްއޯއީތަކަށް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައި މުވައްޒަފުންގެ އަދަދު މަދުކުރަން، ތިންބައިކުޅަ އެއްބައި މަދުކުރަން ކުރެވެން ހުރި ހުރިހާ ތަނެއްގައި،" ރައީސް ވިދާޅުވި އެވެ. 

އެ ލިސްޓާ ގުޅޭ ގޮތުން އެމްއޭސީއެލުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. 

އެމްއޭސީއެލް ހިމެނޭހެން ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގައި ތިބި މުވައްޒަފުންގެ މަސައްކަތް ބަލައި، ޕާފޯމަންސް ރިވިއުކުރުމަށް ފަހު މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

މި މަހު ފެށި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ މާލެ ޓެކްސީ އެޕްގެ މައްސަލަތަކެއް އުޅޭކަން އެމަނިކުފާނުގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތައް ބަލައި، ފިޔަވަޅު އަޅަން އެމްޓީސީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.  

"ރައީސް އޮފީހުން އޮންނަނީ އަންގާފައި އެމްޓީސީސީއަށް އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް މިކަން [ޓެކްސީ އެޕްގެ މައްސަލަ] ރަނގަޅަށް ބައްލަވާ އެއްވެސް ކަހަލަ ކަމެއް ނުރަނގަޅުކޮށް ހިނގާ ކަމެއް ވަންޏާ ވަގުތުން އެކަމަކަށް އެޓެންޓުވެ، ފިޔަވަޅުތައް އެޅުމަށް،" ރައީސް ވިދާޅުވި އެވެ. 

އެމްޓީސީސީން ފުރަތަމަ ދެ ހަފުތާގައި މާލެ ޓެކްސީގެ ހިދުމަތް ހިލޭ ދިނުމަށް ފަހު، ވެބް އެޕްލިކޭޝަނެއް ތައާރަފުކޮށް އެ ހިދުމަތުން އަގު ނަގަން މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ.