ސެޕްޓެމްބަރު މަސް ނިމުނުއިރު ސްރީ ލަންކާގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނޭޝަނަލް އެސްޓީޑީ އެންޑް އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމްގެ ނަތީޖާދެއްކި ގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް އެޗްއައިވީގެ 485 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 43 މީހަކު ވަނީ މަރުވެފަ އެވެ.
އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ބަލި ޖެހުނު މީހުންގެ 13 ޕަސެންޓް އިތުރު ވުމެއް ކަމަށް ވެސް އެ ގައުމުން ބުނެ އެވެ. މިދިޔަ އަހަރު އެޗްއައިވީ ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ 427 ކޭސް އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ކޭސްތަކަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ 72 ފިރިހެނުންނާއި ހަތް އަންހެނުންނެވެ. ބާކީ ތިބި މީހުންނަކީ 25 އަހަރުން މަތީ މީހުން ކަމަށް ނޭޝަނަލް އެސްޓީޑީ އެންޑް އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ދެހާސް ނުވަވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މި އަހަރުގެ އެޕްރީލް އިން ޖޫން މަހާ ހަމައަށް ކަަމަށް ވެސް އެ ތަފާސްހިސާބުން ދައްކަ އެވެ.
ލަންކާ ސަރުކާރުން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2009އިން ފެށިގެން މިހާތަނަށް އެއިޑްސް ޖެހިފައިވާ ފިރިހެނުންގެ އަދަދަކީ 4،095 އެވެ. އަދި އަންހެނުންގެ އަދަދަކީ 1،395 އެވެ.