މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާކުރައްވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ވަޒީރުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
22 ޖެނުއަރީ 2024 - 22:54
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުން، ކަނޑައެޅޭ ވަކި މުއްދަތުތަކެއްގެ ތެރޭގައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަން ރައީސް މިރޭ އިއުލާން ކުރައްވައިފި އެވެ.
މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާ ކުރުމަށް ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުވެގެން އަންނަނީ ތަފާތު ކުރުމެއް ނެތި ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރާނީ އެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވައި ވަގުތު ލިބިވަޑައިގަންނަވާ ގޮތަކުން އެ ދަތުރުފުޅުތައް ތަކުރާރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ވެސް "ވީ ވަރަކުން" ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށްޓަކައި ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ފޯރަމް ބާއްވާނެ ކަމަށް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ފޯރަމް އަންނަ ހަފުތާގައި ބާއްވާނެ ކަަމށެވެ.
"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް އެ ދެ ގަޑިއިރުގެ ތެރޭގައި ވަޒީރުންނަށް ކުރެވޭނެ އެވެ.
ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ ސީދާ އެ މަނިކުފާނު ވެސް ކޮންމެ ތިން މަހަކުން އެއް މަހު އެފަދަ ފޯރަމެއް ބާއްވަވައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. ރައީސާ ސުވާލު ކުރުމުގެ ފުރަތަމަ ފޯރަމް ތާވަލު ކުރެއްވީ އަންނަ މަހަށެވެ.
"މި ގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ. އަޅުގަނޑުމެން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް. ގާނޫނުއަސާސީގައި އޮތް މަސައްކަތް. އެ އަކު ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަން ޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
23 January 2024
މަޖިލިސް އިންތިޚާބަށް ޖަހާ މަކަރާ ހީލަތް، ރައްޔިތުން ވިސްނާ، ހެޔޮނުވާނެ މުއިއްޒަށް މަޖިލިސް މެޖޯރިޓީ ނުދޭތި، ގައުމުވެސް ވިއްކާލަފާނެ،
އަލިބެ..
23 January 2024
ތަންތަނަށް ގޮސް ވިހި ތިރީހުން ޕްރޮޖެކްޓްގައި ސޮއިކުރަނީއެވެ. އިޢުލާން ކުރުމާއި ބިޑުކުރުން އެއީ ހަމައެކަނި ކައުންސިލުތަކުން ކުރަން ޖެހޭ ކަމަކަށް ވެ ނިމިއްޖެއެެވެ. 100 މިލިއަނުން މަތި ވީމަ، އެޕްރޮޖެކްޓެއް ރާވަނީވެސް ރައީސްއޮފީހަށް ކަޓާއެކު ހުށައެޅުމުން އެހުށައެޅުމަކަށް ބަލާފަ، ކުރާނެ މީހުން ހަމަޖެހުމުންނެވެ. ސަރުކާރެއް ޓްރާންސްޕޭރެންޓްވާނީ މިވަރަކަށެވެ. މިހުރިހާކަމެއް ދިފާޢުކުރާމީހުން ރީދޫ ހުމުގެ ވާހަކަ ބުނެލީމާ ނިމުނީއެވެ.
ގުލްޝާން
23 January 2024
ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް މި އެރުވި ޔަގީންކަމަކީ ރައްޔިތުންނާ އަބަދުވެސް ގާތުން މަސައްކަތް ކުރައްވާނެކަން.
ފޫހި
23 January 2024
އަތޮޅުތެރެއަށް މަޖިލިސް އިންތިޚާބަށްފަހު ވަޑައިގެން ރައްޔިތުންގެ ސުވާލަށް ޖަވާބުދެއްވައިފިނަމަ އެއީ ސިޔާސީ ބޭނުމެއްނެތިކަމަށް ގަބޫލުކުރާނެ ޖާގައޮންނާނެ. އެކަމަކު ރައްޔިތުންގެ ހާލުބެލުމަށް މަޖިލީހުގެ އިންތިހާބުކުރިން ތިޔަވަޑައިގަންނަވަނީ ޓެކްސްފައިސާއިން ކެމްޕޭނުކުރައްވަން. ދިވެހިންވެސް ގަޅިއެއްނުވާނެދޯ އެވަރުނުވިސްނޭހާ.
ހުމެއިދާ
23 January 2024
ހީވޭ ކަމެއްހެން. ރައީސް މުއިޒްގެ ސަރުކާރު ތަފާތުވާނެ.
ސައިޚް
23 January 2024
ހުމޭދާ، މަޖިލިސްވޯޓަށް ކަލޭމެންގެ ބޯކަނީ، އެއީ މުއިއްޒު، ދަހެއްނުވޭތަ، ޝިފާ މޭޔަރުކަމުގަ މުއިއްޒު ކައުންސިލަށް ޖެއްސިހާލު ނުވިސްނޭތަ،
ހޭޅި
23 January 2024
ކެމްޕެއިން ސްޓަންޓެއް. ދައުލަތުގެ ޚަރަދުގައި ކެމްޕޭންޖައްސަން ރާވާ ކަމެއް. ބޭނުމަކީ މީޑިޔާތަކުގެ ސުރުހީ އަތުލުން.
ސައިޚް
23 January 2024
ބެނުމަކީ މަޖިލިސް މެޖޯރިޓީ، ވިސްނާ ތިބޭތި، ނުދޭތި
ފަޔާޒްް
23 January 2024
މީ ދެފުއް ފެންނަ ސަރުކާރެއް ކަން ރައީސް ވަނީ އަންގަވާފަ. ކުރާ މަސައްކަތްތައް ރައްޔިތުންނަށް އިނގޭނެ.
ރުހާމްް
23 January 2024
މިޔަށްވުރެ ޓްރާންސްޕޭރެންޓް ސަރުކާރެއް ނޯންނާނެ.
ފެންސު
23 January 2024
ދެން ރީނދޫކުދިންކޮޅު ހަޖަމުކޮށްލާ
ބުހުތާނު ދޮގު
23 January 2024
ތި ހަދަނީ ހުސް ބުހުތާނު ދޮގު. ކަލޭމެމެންނަށް ކުރަން އެންމެ މޮޅަށް އެނގޭ ކަމަކީ ބުހުތާނު ދޮގު ހަދައިގެން، ފިތުނައިގެ ދޮލަނގު ވިއްކައިގެން ރައްޔިތުންގެ ބޯ ކައިލައިގެން ވޯޓު ހޯދުން. މިހާރު ތި ތިތެޅެނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ގައި ގިނަ ވޯޓު ހޯދަން. ތި އުކުޅު މިހާރު ރައްޔިތުންނަށް އެނގިއްޖެ.