އައްޑޫ ނޭޗާ ޕާކް: އައްޑޫގައި އަޅަން ނިންމާފައިވާ ބްރިޖްގެ ސަބަބުން މިތަނަށް ގެއްލުން ވެދާނެ ކަމަށް އިކޯ ކެއާ އިން ވަނީ ބުނެފައި. -- ފޮޓޯ: މިހާރު
06 ފެބުރުއަރީ 2024 - 14:41
އައްޑޫގެ ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖުގެ ސަބަބުން، ހިމާޔަތްކޮށްފައިވާ އައްޑޫގެ ނޭޗަ ޕާކަށް ގެއްލުން ލިބޭނެ ކަމަށް ލަފާކޮށް އިކޯކެއާ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އެންމެ ބޮޑަށް ސަމާލުކަން ދެނީ އެ ސަރަޙައްދުގެ ނާޒުކުކަން ބެލެންސްކުރުމަށް ކަމަށެވެ. އެހެންވެ، ދެ ރަށް ގުޅުވާލާ ބްރިޖުން ބޮޑު ގެއްލުމެއް ލިބޭނެތީ ދެ ވަނަ ވިސްނުމަކަށް ދިއުމަށް ވަނީ ގޮވާލައިފަ އެވެ.
އިކޯކެއާ އިން ވަނީ ބްރިޖުގެ ބަދަލުގައި ރަނގަޅު ފެރީ ނިޒާމެއް ތައާރަފްކުރަން ގޮވާލައިފަ އެވެ. އޭގެ ސަބަބުން ބްރިޖުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ސަލާމަތްވާނެކަން ފާހަގަކުރި އެވެ.
"ކަނެކްޓިވިޓީގެ ބޭނުންތެރިކަން ދެނެގަނެ ބްރިޖެއް ކޮންމެހެން ބޭނުންވާކަމަށް ދެކޭ ނަމަ ގަމު މަގުން ހުޅުމީދޫއާ ގުޅާލުމަށް އަޅުގަނޑުމެން ހުށަހަޅަން. ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން." ބަޔާނުގައި ބުންޏެވެ.
ޖަމިއްޔާއިން އެދުނީ ތިމާވެށީގެ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދީ، ކަންކަން ނިންމާއިރު އާއްމުންނާއި ތިމާވެށީގެ ތަޖުރިބާކާރުން އަދި ކަމާގުޅޭ ފަރާތްތަކާ ގޮތް ނިންމާ މަރުހަލާގައި ބައިވެރިކުރުމަށެވެ. އޭރުން، ތަރައްގީއާ ގުޅޭ ކަންކަން ކުރަމުން އަންނަނީ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރެވި ތިމާވެއްޓަށް ގެއްލުން ލިބުމުން މަދުކުރެވިގެންދާނެ ކަމަށް ބުންޏެވެ.
ބްރިޖް މަޝްރޫއުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ފަރުވާތެރިކަމާ އެކު ވިސްނައި، ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އެހެން ހައްލުތަކެއް ހޯދުމަށް ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އިކޯކެއާ އިން ވަނީ ގޮވާލައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖުގެ ސާވޭ ހެދުމަށް މި އަހަރުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް މި ފަހުން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން، ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމެނެ އެވެ. އެކަމަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީހްް
07 February 2024
މި ތަރައްޤީ ގެންނަން ބޭނުންވީ އައްޑޫ ރައްޔިތުން. ނޭޗަރ ޕާކަކަށް މި ތަރައްޤީ ނުހިފެހެއްޓޭނެ.
އައްޑޫ ސިޓީ ގޭން
07 February 2024
އައްޑޫ ގަމުގަ ތިބި ގަސް އެއްކޮށް ކަނޑާ ނަގާ ހުސްކުރި އިރު މި އިކޯކެއާ މޯލްޑިވްސް ވީ ކޮންތާކު؟
ނޭޗާ ޕާކު
07 February 2024
ނޭޗާ ޕާކު އުފެއްދީ މަދިރި ހިމާޔަތް ކޮށް އައްޑޫ މީހުން ނިކަމެތި ކުރަން
އާސަމް ޝިހާދު
07 February 2024
މި ބްރިޖް ހުއްޓުވަން އެއްވެސް ބަޔެއް އުޅެގެން ނުވާނެ. ޕްލީސް
ސިދާނާ މުހައްމަދު
07 February 2024
މުއިއްޒްގެ ތަރައްގީ އަށް އެއްވެސް ބަޔެއް ހުރަސް އަޅައިގެން ނުވާނެ. ތިއީ އަހަރުމެންގެ އުއްމީދުތައް ގުޅިފައިވާ ބްރިޖް.
މުހައްމަދު ސަލީމް
07 February 2024
ނޭޗާ ޕާކަށް ވުރެ މުހިއްމީ ބްރިޖް. މުޅި އައްޑޫ ރައްޔިތުންނަށް ފައިދާ ވާ ކަމަކަށް ވާނީ ތި ބްރިޖް.
ސާމް ނާފިޒް
07 February 2024
ހިޔެއް ނުކުރަން
ސުދާ ސޮބްރީ
07 February 2024
ހެޔޮ ނުވާނެ މޮ ބްރިޖް ހުއްޓުވަން ނޫޅޭ. މިއީ އައްޑޫ ތަރައްގީގެ މައި މުގުލު.
ގާދިރު އަލީ
07 February 2024
އަހަރުމެން ބޭނުންވަނީ ތި ބްރިޖް. އައްޑޫ އެއްމެން ބޭނުންވަނީ ތި ބްރިޖް
ސޭކުބެ
07 February 2024
ކޮއްކޮމެން ތިދައްކާ ވާހަކައެއް ތިދައްކަނީ ބައެއް ކަންކަމުގައޭ. ކޮބާ މުޅި މާލެ އަތޮޅުގެ ވެއްޓަށް ބަދަލު ގެނައި ގެނައިނުން އެއަތޮޅުވެސް އޮޅުން ނުފިލާވަރަށް ފަޅުތަކާ ގިރިތަކާ ހިއްކައި ރިސޯޓްތައް ހަދަމުންދާއިރު އެކަމާ ދައުވާކޮއްލަން ކޮއްކޮމެންނަކަށް ނުކެރެއޭ. ބުނަންތަ އެގޮތަށް ހުރިހާތަނެއް ހިއްކާ ރަށްތައް ހެދީމާ މިރާއްޖޭގެ ރާއްޖެވަންތަކަންވެސް އެގެއްލުނީއޭ. އަދި ކޮބާ ޓޫރިޒަމަށްވެސް ވާނީ ގެއްލުމޭ! އެއްވެސް ޚާއްސަކަމެއް އޭރުން މިތާކު ނޯންނާނޭ!