ދެވަނަ ޑިވިޝަން މުބާރާތުގެ ފައިނަލްގައި މަސްއޮޑި ސްޕޯޓްސްގެ ސަޕޯޓަރުން އެޓީމަށް ދިން ސަޕޯޓާއި ދެއްކި ނަމޫނާ އަށް އިދިކޮޅުން ކުޅުނު ވިކްޓަރީގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ތައުރީފް ކޮށްފި އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މަސްއޮޑިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ވިންޓަރީން ވަނީ އެއްވަރު ކޮށްފަ އެވެ. އެއްވަރު ކުރި ގޯލު ޖަހައިދިނީ ވެސް އަކޫ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި މަސްއޮޑިން ކާމިޔާބު ކުރި ގޯލާ އެކު 3-2 އިން މޮޅުވެ، ތަށި އުފުލާލީ އެ ޓީމުންނެވެ.
ފައިނަލުން ބަލިވިއަސް، މަސްއޮޑި އާއެކު ވިކްޓަރީ ވެސް އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ފެންނާނެ އެވެ. ދެވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމު ޕްރޮމޯޓް ވާނެ ކަމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ވިކްޓަރީ އެއްވަނަ ޑިވިޝަނަށް މި އައީ ތިން ސީޒަނަށް ފަހު އެވެ. އެކަމަކު މިއީ އެއްވަނަ ޑިވިޝަނަށް މަސްއޮޑި ޕްރޮމޯޓްވި ފުރަތަމަ ފަހަރެވެ.
"މަސްއޮޑި ގެ ސަޕޯޓަރުންނަށް ސެލިއުޓް ކުރަން. ތިޔަ ދައްކައިދިނީ ފުޓްބޯޅައިގެ ރީތި ނަމޫނާ އެއް މިއަދު. މިއީ އަޅުގަނޑުމެން އެންމެން ވެސް ގަލޮޅު ދަނޑުން ފެންނަން ބޭނުންވާ ވާދަވެރިކަން،" ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ޑިފެންޑަރު އޭނާގެ ފޭސްބުކް ޕޯސްޓުގައި ބަޔާން ކުރި އެވެ.
"މިއީ މި ކުޅިވަރު ދެކެ އަޅުގަނޑުމެން އެންމެން ވެސް ލޯބިވާ ސަބަބު. މި ދައްކަނީ އަޅުގަނޑުމެން އާއިލާ މެމްބަރުން ވެސް ވަދެ، މެޗު ބެލޭނޭ ފަދަ މާހައުލެއް އޮތް ތަނަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް."
އެންމެ ފަހުން ބޭއްވި ތިންވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގައި ނިމުނު ދެވަނަ ޑިވިޝަންގައި ވާދަކޮށް، މަސްއޮޑިން ތަށި އުފުލާލީ ހުރިހާ މެޗަކުން ވެސް މޮޅު ވެގެންނެވެ.
އެންމެ ފަހު ވަގުތު ވިކްޓަރީން ނަތީޖާ އެއްވަރު ކުރި ނަމަވެސް މަސްއޮޑި ސަޕޯޓަރުންގެ އަޑު ގަލޮޅު ދަނޑުން ފަނޑެއް ނުވި އެވެ. ވަރުގަދަ ސަޕޯޓަކާ އެކު އެޓީމުން މެޗު ކާމިޔާބު ކުރި އެވެ.
"އަޅުގަނޑުމެން ސަޕޯޓް ކުރާ ޓީމުގެ ފަހަތުގައި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ތިބެންވީ ގޮތް އަޅުގަނޑުމެންނަށް ދައްކައިދިން ކަމަށްޓަކާ ޝުކުރިއްޔާ. ތި ހޯދި ކާމިޔާބީއާ މެދު ވަރަށް އުފާކުރަން،" އަކޫ އޭނާގެ ފޭސްބުކްގައި ޖެހި ޕޯސްޓު ނިންމާލަމުން ބުނެފައި ވެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ވިކްޓަރީ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން އަންނަނީ ބަޔަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެ ހަމަނުޖެހުމުގައި ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޮލީ ވްލަޝިޗޭވް އަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. މިއާ ގުޅިގެން އެނަޓޮލީ ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. ވިކްޓަރީން ސެމީ އާއި ފައިނަލް ކުޅެން ޖެހުނީ އޭނާ ނުލައެވެ.
ހަމަ އެއާ އެކު ދަނޑަށް އެރި މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު އިބްރާޙިމް (ސޮބާ) އަށް ވެސް ހަމަލާ ދީފަ އެވެ. ސޮބާގެ އަނގަމަތީގައި ޖަހާ ވައްޓާލާތަނާއި، އެ މީހާ ވެސް، ސޯޝަލްމީޑީއާގައި ދައުރުވާ ވީޑިއޯ އިން ސާފުކޮށް ފެނެ އެވެ.