ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި އޮތަސް އެ އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ތާރީހާ އެއްގޮތަށް، އަންނަ މަހުގެ 17 ގައި ކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުތަކުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަ މަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ.
ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހްތައް ކަނޑައަޅައި ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އޭޕްރީލް 20 ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ރައީސް އެ ބިލު ތަސްދީގު ނުކުރައްވަ އެވެ.
ރައީސް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.
މި މަހުގެ 11ގައި ފާސްކުރި އެ ބިލު ތަސްދީގު ނުކުރައްވާ އިރު ރައީސް ވިދާޅުވަމުން ގެންދަވަނީ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހު 17 ގައި ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އައްޑޫ ހުޅުދޫގައި ބޭއްވި ޖަލްސާގައި މަޖިލިސް އިންތިހާބުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ކުރިޔަށް އޮތް މަހުގެ 17 ވަނަ ދުވަހު" ރައްޔިތުންނަށް ވޯޓުލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި އިއްޔެ ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވިދާޅުވީ "އަންނަ މަހުގެ 17 ގައި" އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރާ ދެކޮޅު މެމްބަރުން އިންތިހާބުކޮށްފި ނަމަ، ސަރުކާރަށް އެއްބާރުލުން ނުލިބޭނެ ކަމަށެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އަށް ފޮނުވަން ޖެހެ އެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. އެ މުއްދަތު އަންނަ ހަފުތާގައި ހަމަވާނެ އެވެ.
ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލަން ބޭނުންވާ ނަމަ ވެސް އެ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލު އަނބުރާ ފޮނުވާލަން ޖެހެ އެވެ.
ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސް ކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ އަގުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.
ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އަދި އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.