ފިނިފެންމަލާއި އެކި ރަހަތަކުގެ ޗޮކުލެޓާއި ނަން ހުސްކޮށް ހަދިޔާ ދެވިއްޖެ އެވެ. އަންހެނުންގެ މުހިންމުކަމާއި އެމީހުންގެ ބައިވެރިވުން ކޮންމެކަމެއްގައިމެ ބޭނުންކަމަށް ބުނެވިއްޖެެ އެވެ. ދިއްކޮށްލި ހަދިޔާއަކުން ނުވަތަ ބުނެލި ބުނުމަކުން އަންހެނުންނަށް އޮތް ގަދަރާއި ހާއްސަކަން ވަޒަންކުރެވިއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އަށްވަނަ ދުވަސް ހާއްސައީ މިފަދަ ކޮންމެވެސް ހަރަކާތަކަށެވެ. ހިތާމައަކީ ދުވަސް ނިމިގޮސް އަހަރުތައް ފާއިތުވާއިރު ވެސް އަހަރެމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ބަދަލެއް ނައުމެވެ. އޭރު ވެސް މިހާރު ވެސް މިތިބީ އެއްތާކު އެވެ.
އަންހެނުންނާ ދެކޮޅަށް ވެސް އަންހެނުން!
ސޯޝަލް މީޑިއާއަށް ބެލިޔަސް، އެކި އުމުރުގެ އަންހެނުންގެ ފޮޓޯތަކަށް އެކި ކަހަލަ ކޮމެންޓްކޮށް ހުތުރުބަހާއި މަލާމާތް ގިނަ ފަހަރު ރައްދުކުރަނީ އަންހެނުންނެވެ. ވަޒީފާގެ މާހައުލުގައި ވެސް ތަފާތުކުރުމާއި އެކަކު އަނެކަކަށް ޖައްސާލުމާއި ދަތިކުރުންތަކުގައި އެހެން އަންހެން މުވައްޒަފުންގެ ހިއްސާ ގިނަފަހަރު އޮވެ އެވެ. އާއިލީ ކަންކަމުގައި ވެސް، އެއް އަންހެނެއްގެ ފަރާތުން އަނެއް އަންހެނަކަށް ކުރިމަތިވާ އެކި ކަހަލަ އުނދަގޫތަކާއި ފުރައްސާރަ ވަކި މަދެއް ނޫނެވެ. ހަސަދަވެރިކަން އިންތިހާ އެވެ. އެކަކަށް ލިބޭ ކާމިޔާބީ އަކީ އަނެކާގެ ހަލާކެއްކަމުގައި ނޫނީ ނުވިސްނެ އެވެ.
ފްލޮރިޑާ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖީ ޑިޕާޓްމަންޓްގެ ދަރިވަރަކު ހެދި ދިރާސާއަކުން އެނގޭގޮތުގައި، ގިނަފަހަރު އަންހެނުން އެހެން އަންހެނުންނާ ގުޅޭގޮތުން "ގޮސިޕް" ކުރާ އެންމެ އާންމު އެއް ސަބަބަކީ "ތްރެޓް" އެއްގެ ގޮތުގައި އެ މީހަކު ދުށުމެވެ. މިގޮތުން، އެހެން މީހުންނަށްވުރެ ރީތިވުމާއި، ހެދުން އެޅުމުގައި ތަފާތުވުމަކީ މިފަދަ ގޮސިޕް ސާކަލްތަކުގެ ޝިކާރައަށް އެންމެ ގިނައިން ވާ ސަބަބެވެ.
އަންހެނުންގެ ދުވަހެއް ފާހަގަކުރާއިރު، މިކަމާ ވެސް ވިސްނާލުން މުހިންމެއް ނޫންހެއްޔެވެ؟
އަދިވެސް އެންމެ ރަނގަޅީ 24 ގަޑިއިރު މަސައްކަތުގައި އުޅޭ މުވައްޒަފު!
ދުނިޔެ ވަރަށް ބޮޑަށް ކުރިއަރައިފި އެވެ. ތަރައްގީ ވެއްޖެ އެވެ. ކޮވިޑް-19 އަށް ފަހު އެންމެ ބޮޑު ބަދަލެއް އައީ މަސައްކަތުގެ ދާއިރާއަށެވެ. ރިމޯޓްކޮށް މަސައްކަތްކުރުމާއި، ޕާޓް ޓައިމް ވަޒީފާ އާއި ފްރީލާންސަރުންނަށް ފުރުސަތުތައް ފަހިވެއްޖެ އެވެ. އެކަމަކު ރާއްޖެ އަދިވެސް މިކަމާއ ތަންކޮޅެއް ބީރަށްޓެއްސެވެ. ގިނަ އޮފީސްތަކުގައި އަދިވެސް އެންމެ ކަމުދަނީ އެންމެ ގިނަ ވަގުތު އޮފީހަށް ދޭ، ބުނިހާ ކަމެއް ކޮންމެ ހާލެއްގައި ވެސް ކޮށްދެވޭ، ދުވަހަކު ވެސް ބަލި ނުވާ މުވައްޒަފުންނެވެ. މަޔަކަށް ވުމަކީ ހިތް ނޭދުނަސް، ދަރިންގެ މޫޑާއި، އުދާސްތައް ހުންނަ ގޮތުން އޮފީހަށް "ނޫނެކޭ" ބުނަންޖެހޭ ދުވަސްތަކެވެ. އަންބަކަަށްވުމަކީ އަމިއްލަ ދިރިއުޅުމުގެ ވެސް މަސްއޫލިއްޔަތުތައް އިތުރުވެ، ޒިންމާވާންޖެހޭ ކަންކަން ގިނަވާނެ ކަމެކެވެ. އެކަމަކު، އަދިވެސް އެންމެން ބޭނުންވަނީ އަދި ނަމޫނާއަކަށް ބަލަން ޖެހެނީ މި ހުރިހާކަމަކުން ދުރުވެ، މަސައްކަތަށް އަޅުދާސްވާ މުވައްޒަފުންނެވެ.
"ވަަރަށް ބޭނުންވި ވަޒީފާއެއްގެ އިންޓަވިއުގައި އަހާލަނީ މީހަކާ އިނދެގެން ހޭ އުޅެނީ؟ ދަރިން ތިބޭހޭ. .. އެހެން އަހަނީ، ދަރިން ތިބޭ މީހުންނާއި އިިނދެގެން އުޅޭ މީހުންނަކަށް ވަގުތެއް ނުދެވޭނެއޯ އޮފީހަކަށް..." އުމުރުން 28 އަހަރުގެ ޒުވާން މަންމައަކު އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.
ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް، އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރެވޭނެ ގޮތްތައް އަދިވެސް ރާއްޖޭގައި ވަރަށް ތަދެވެ. ނަތީޖާއަކީ އަންހެނުންނަށް ކުރަހައި ކުލަޖެއްސުވޭ އަސްލު ދިރިއުޅުމަކީ ދިރުމެއް ނެތް އެއްޗަކަށްވުމެވެ. އުންމީދާ އެކު ކަންކަމާ ކުރިމަތިލާން ބޭނުންވާ އަންހެނުންނަށް އަދިވެސް އޮތީ މޮޅިވެރިކަމެވެ.
މާލީ މިނިވަންކަން، އަދިވެސް ހަމަ ހިޔާލީ ފޮލާއެއް!
އަންހެނުންގެ ދުވަހާ ގުޅިގެން އެންމެ ގިނައިން ދެކެވޭ އެއްވާހަކަ އަކީ ބާރުވެރިކުރުމުގެ ވާހަކަ އެވެ. ކުރިއެރުންތަކެއް ލިބިއްޖެ އެވެ. އެކަމަކު ކޮން ބަޔަކަށް ހެއްޔެވެ؟ އަނިޔާގެ ހާއްޔެއްގައި ދަރިންކޮޅާ އެކު ކަސްތަޅު އެޅުވިފައި އިން އަންހެނަކަށް އަދިވެސް ހިންދެމިލާން ނުކެރެނީ މާދަމާ ވެސް އަމިއްލަ ހާލައިގެން އުޅޭނެ ފަދައެއް ނެތުމުންނެވެ. ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ އެކި ޕްރޮގްރާމްތަކާއި ލޯނު ސްކީމްތައް ގިނަވެއްޖެ އެވެ. އެކަމަކު މީގެ ފައިދާ ވެސް ހަގީގަތުގައި ބޭނުންޖެހިފައިވާ މީހުންނާ ހިސާބަށް ފޯރާތޯ ޔަގީނެއް ނުކުރެވެ އެވެ.
"މަންމަމެން ނުގަބޫލުގައި އިނީ...އެހެންވެ ފިރިމީހާ ކިތަންމެ ގޯހަކަސް، އެނބުރި ދާނެ އެއްވެސް ތަނެއް ނެތް. ވަންނާނެ ގެދޮރެއް ނެތް. އެހެންވެ މިގޮތަށް ކެތްކުރަން މި ޖެހެނީ. ..." އެހެން މީހަކު އޭނާގެ ހާލަތު ބުންޞެވެ.
އަންހެނުންނަށް ދިމާވާ އަސްލު މައްސަލަތަކަށް ހައްލެއް ހޯދުމާ ގާތަށް ވެސް އަދި ނުދެވެ އެވެ. އަންހެނުންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަމާއި، އެހީތެރިކަމަކީ ވަކި ސަރަހައްދަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ނަސްލަކާއި ހަސަބަކަށް ހާއްސަ ކަންކަމެއް ނޫނެވެ. ބަދަލު ފެށެނީ ތިމާއާ ހިސާބުންނެވެ.