ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު އަމިއްލަ ހަރަދުގައި ދައުލަތުގެ ކާރުގައި ރަން ކުލަ ޖައްސައި ބަދަލު ގެނައި މައްސަލައިގައި ފާޑު ކިޔުން އަމާޒުވުމުން އަލުން އެ ބަދަލުކުރަން ނިންމައިފި އެވެ.
މާނިއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ކަސްޓަމްސްގައި އަލަށް ގާއިމް ކުރާ "އެންފޯސްމަންޓް އެންޑް ބޯޑާ ޕްރޮޓެކްޝަން ޑިޕާޓްމަންޓް" ގައޮ ބޭނުންކުރާ ކާރުތައް ހުންނާނީ ރަން ކުލައިގެ ބައިތައް ހިމަނާފައި ކަމަށެވެ. އެއީ އެ ޑިޕާޓްމަންޓުގެ ލޯގޯއާ ގުޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލާގައި އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އޭނާ ފަހުން ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމުން ހިތްހަމަނުޖެހޭތީ، ރަން ކުލަ ޖެއްސި ބައި ބަދަލު ކުރާނެ ކަމަށެވެ.
"މިކަމަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްފައެއް ނުވާނެ. ހުރިހާ ކަމެއް ވެސް ކުރީ އަޅުގަނޑުގެ އަމިއްލަ ހަރަދުގައި،" އޭނާ ވިދާޅުވި އެވެ.
މާނިއު ވަނީ އެ ބަދަލު ގެނެވުނީތީ އާންމުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް އަމިއްލަ ހަރަދުގައި ދައުލަތުގެ މުދަލަށް ބަދަލު ގެނައި މައްސަލައިގައި ވެސް ބައެއް ފަރާތްތަކުން ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ.