ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހިންގަން މި ސަރުކާރުން ރާވާފައި ހުރި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި އެކަންކަމަށް ހުރަސްއަޅައި ހުއްޓުވުމުގެ ފުރުސަތު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރޯދަ މަހުގެ ކުރިން ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅު އަލުން ފައްޓަވައި، ފުރަތަމަ މަންޒިލެއްގެ ގޮތުގައި ލ. މާވަށަށް ވަޑައިގެން ރައީސް ވިދާޅުވީ މަޝްރޫއުތައް އަވަހަށް ގެންދަން ކިތަންމެ ބޭނުންވިޔަސް މަޖިލީހުން އެއްބާރުން ނުދޭ ނަމަ އެ މަސައްކަތްތައް ނުހިނގާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިވެރިކަމުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދަން މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށެވެ. މަޖިލީހުގައި މިހާރު އޮތީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އެވެ.
މަޖިލީހުން މިގޮތަށް ކަންކަން ކުރުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރަށް ދަތިތަކެއް ކުރިމަތިވާ ކަމެކެވެ.
އެމަނުކާފާނު ވިދާޅުވި ގޮތުގައި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ބަޖެޓުގައި އެކަށީގެންވާ މިންވަރަށް މި މަޖިލީހުން ހިމަނާފައެއް ނެތެވެ. އެހެންވެ، ސަރުކާރުން ބޭނުންވާ ސްޕީޑުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ހިންގުމަށް ވެސް ދަތި ކަމަށް ވިދާޅުވި އެވެ.
"މަޖިލިސް ކޮންމެ ދުވަހަކު ބުރަކި ޖެހިފައި އޮތިއްޔާ ބާރު ސްޕީޑުގައި މަޝްރޫއުތައް ނުގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ރައީސް ނެންގެވީ އެމަނިކުފާނު ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ ތެރެއިން ވަގުތު ނަގާ މައްސަލަ އެވެ.
ރައީސް ވިދާޅުވީ ގައުމުތަކަށް މިވަގުތު ވެސް ސަފީރުން ނުފޮނުވި ވަނީ މަޖިލީހުގެ ކޮމިޓީއެއް ނުބާއްވައިގެން ކަމަށެވެ. ކެބިނެޓަށް ރުހުން ނުދީ މަޖިލީހުން ލަސްކުރި މައްސަލާގައި ވެސް އެމަނިކުފާނު ކުރިން މި ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"ރައްޔިތުންގެ ކަންކަން މަޑުޖެހޭ ހިސާބަދަށް ދާ ގޮތަށް ފުރުސަތު ނުދިނުމަށް، ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިވާ ކަންކަން ކުރަން އަޅުގަނޑު ބޭނުންވާތީ މިކަންކަން ހާސިލުކޮށް ނަތީޖާ ނެރެން ބޭނުންވާތީ އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވިއިރު ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައި އޮތަސް ބަހާލައިގެން މަޝްރޫއުތައް އަލުން ފައްޓަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާވަށަށް ބޭނުންވާ ހުރިހާ މަޝްރޫއުއެއް ވެސް ހިންގަވާނެ ކަމަށާއި އެ ރަށަށް އެންމެ ބޮޑަށް ބޭނުންވާ މަޝްރޫއުތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު ހިއްކަމުން އަންނަ 15 ހެކްޓަރުގެ ބަދަލުގައި 30 ހެކްޓަރު ހިއްކަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާވަށުގެ ފަޅުގައި ރިސޯޓު ހެދުމުގެ ބޮޑު މަޝްރޫއުއެއް ވެސް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއާއެކު، ރަށުގެ ޒުވާނުންނަށް ރަށާ ކައިރީގައި އުޅެމުން ވަޒީފާ އަދާކުރެވޭނެ މަގު ފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ލ. އަތޮޅަށް ރައީސް ފެއްޓެވި މި ދަތުރުފުޅަށް ފަހު، މާދަމާ އެމަނިކުފާނު އައްޑުއަށް ވަޑައިގަންނަވާނެ އެވެ.