ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާވަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެ އަތޮޅުގައި ދެވަނަ އެެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާތީ އެކަން ފުއްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓޫރިޒަމް ކުރިއަރުވަން ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތުގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގެ ކައިރީ އޮތް ރަށެއްގައި އެއާޕޯޓު އަޅަން ޖެހޭނީ... އެހެންވީމަ ތިބޭފުޅުން ތި ބޭނުންވެލައްވާ ކަމުގައި އަޅުގަނޑުގެ ވިސްނުން ހުރި ގޮތް މި ދެންނެވީ،" ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް މާވަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް

މާވަށް ކައިރީގައި އެއާޕޯޓެއް އަޅަން ބޭނުންވެގެން މީގެ ކުރިން އެ ރަށުގެ ރައްޔިތުން ވަނީ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ލ. އަތޮޅުގައި އެއާޕޯޓު އަޅާނެ ވަކި ރަށެއް އަދި ކަނޑަނާޅާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅާނެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާ އިއުލާނުކުރެވޭނެ އެވެ.

ޓޫރިޒަމް ކުރިއެރުވުމާއި ދަތުރުފަތުރު ކުރިއެރުވުމާއި މި ހުރިހާ ކަމަކަށް ބަލާއިރު ވެސް އެ ނީޑް އޮތް އެ ޕޮޓެންޝަލް އޮތް އެ އުއްމީދު ނޫނިއްޔާ އެ މުސްތަގުބަލު އޮތް ހިސާބެއްގައި [އެއާޕޯޓު އަޅަން ޖެހެނީ]. -- ރައީސް

ރައީސް ވިދާޅުވީ މާވަށު ރައްޔިތުން ބޭނުންވާ ގޮތް އެމަނިކުފަނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ރަނގަޅު، ދެކޮޅު ޖެހޭ ވިސްނުމެއް ކަމަށެވެ.

ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ކައްދޫގައި އެކަންޏެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މާވަށުގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވައިފަ އެވެ. އަދި އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް އެޅުމަށް ބިންގާ އަޅުއްވައި ދެއްވައި އެ ރަށުގެ ގިރާ ސަރަަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފެއްޓެވި އެވެ. މާވަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިން ވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ އަޅައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލުގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލުގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާ އެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއެއްގައި ވެސް ސޮއި ކުރައްވާނެކަން ރައީސް އިއުލާންކުރެއްވި އެވެ.

ވިދާޅުވި ގޮތުގައި އަންނަ އަހަރު ސީއެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރައްވަން ނިންމަވާފައިވާއިރު މާވަށުގައި ސީއެމްބިއުލާންސް ގާއިމުވެ އޮންނަ ގޮތަށް ބަދަލުތައް ގެންނަވާނެ އެވެ.