މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި މިފަހަރު ވެސް ވޯޓު ލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފަށާނެ ކަމަށާއި އޭގެ ބައި ގަޑިއެއް ހާއިރު ކުރިން ސިޓީ އުރަތައް ކެނޑުމާއި ޗެކް ކުރުން ފަދަ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވާ ގޮތަށް 5:30 ގެ ފަހުން އެއް މިނެޓު ވިޔަސް، ވޯޓުލާން އިތުރު ފުރުސަތެއް ނުދޭނެ ކަމަށާއި އެހެންވެ ގަޑި އަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ވާރޭ ވެހުނަސް، ހޫނު ގަދަ ވިޔަސް 5:30 އަށް ވުރެ ފަހަށް ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ނެތް." ފުއާދު ވިދާޅުވި އެވެ.

ނަމަވެސް 5:30 ގެ ކުރިން ކިއޫ އަށް އަރާ މީހުންނަށް ވޯޓު ލާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރެ އެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައި ވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި ވޯޓުު ކުރިޔަށް ދާ ތިން ގައުމަށް އީސީގެ މުވައްޒަފުން ވަނީ ފޮނުވައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓަށް ތައްޔާރީތައް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.