ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަން ތިން ދައުރެއް ކުރެއްވި އީވާ އަބްދުﷲ އަށް އެ ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން އެކުލަވާލާ ހަތަރު ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ގަލޮޅު އުތުރު ދާއިރާގެ ވޯޓަށް ބަލާއިރު އީވާ އަށް ވަނީ އިންތިހާބު ނާކާމިޔާބުވެފަ އެވެ.

އީވާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އީވާ ވަނީ ބަލި ގަބޫލުކުރައްވައި ކުޑޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީވާ ވިދާޅުވީ ވޭތުވެދިޔަ ތާނގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީން ކަމަށް ހިތުގެ ޚާލިސް ޝުކުރު ދަންނަވާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި އީވާ މިފަހަރުގެ އިންތިހާބަށް ނުކުންނެވީ އެހެން އިންތިހާބުތަކާ ހިލާފަށް އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އިންނެވެ. އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުއްވުމަށް ފަހު އީވާ އެމްޑީޕީ ދޫކޮށްލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ.

ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވީ އީވާ އެވެ. ވަރަށް ޒުވާން އުމުރުގައި ސިޔާސީ މަސައްކަތްތައް ފައްޓަވައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް އީވާ އެންމެ ފުރަތަމަ ވެސް އިންތިހާބުވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އޭގެފަހުން ދެ އިންތިހާބުގައި ވެސް އީވާ ގޮނޑި ކާމިޔާބުކުރެއްވީ ފަސޭހަކަމާ އެކު އެވެ. ނަމަވެސް، މިއަދު އޮތް އިންތިހާބުގައި އީވާއަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.

ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސްއަށް މަޖިލިސް އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. އެ ޕާޓީން 39 ކެންޑިޑޭޓަކު ވާދަކުރި އެވެ.