ކަނޑޫދޫގައި މިއަދު ހަވީރު ވެއްޓުނު ފާރު؛
17 މެއި 2024 - 20:47
ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
އެ ރަށު ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ، 10 އަހަރުގެ އެ ފިރިހެން ކުއްޖާ ވެއްޓުނު ފާރެއްގެ ދަށުވީ، އެ އުމުރުގެ އެހެން ކުދިންތަކަކާއެކު ބޭރުގައި އުޅެނިކޮށް ކަމަށެވެ.
އެ ކުއްޖާ އެ ތަނުން ނެގީ ވެސް ކައިރީގައި ތިބި ކުދިންނެވެ. އެއަށްފަހު، ކައިރީގައި ހުރި ގެއަކަށް ގެންދިޔަ ކަމަށާއި ހެލްތު ސެންޓަރާ ހަމައަށް ގެންދެވުނީ ފަހުން ކަމަށް ކައުންސިލުން ބުންޏެވެ.
"އުނަގަނޑުން ތިރި ދަށުވި ކަމަށް ބުނަނީ. ކައިރީގައި ތިބީ ކުޑަކުދިން ވީމަ އެކަމެއް އެއްކޮށް ސާފެއް ނުވި. އެ ފާރަކީ ވެސް ގެއެއްގެ ވަށާ ފާރެއް. އެޅިގަލުން ހަދާފައި ހުރި ވަރަށް ދުވަސްވީ އެއްޗެއް. އޭގައި ގާތްގަނޑަކަށް ހައެއްކަ ފޫޓު ހުންނާނެ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހެލްތު ސެންޓަރުގައި އެޑްމިޓުކޮށްގެން އެ ފިރިހެން ކުއްޖާއަށް މި ވަގުތު ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ އެއް ފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާއިރު، ގައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފަ އެވެ.
އެތެރެ ހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް އެ ކުއްޖާ ކައިރި ރަށަކަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ކުއްޖާގެ ހޭ އެބަހުރި. ވާހަކަ ވެސް ދައްކާ. އެކަމަކު، އެތެރެ ހައްޓަށް ގެއްލުމެއް ލިބުނު ކަމެއް ނޭނގޭ،" މެމްބަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒީޒުބޭ
18 May 2024
އެކްސްރޭ އެއް އެއްޗެއް ނުނަގާ ނުބާއްވާތި ތިހެން. ރަނގަޅަށް ޓެސްޓް ތައް ހަދަންޖެހޭނެ ތިކަހަލަ ކަންކަމުގަ.
ވާންވީ
18 May 2024
ކައިރި ހިސާބަކު ނެތޭ އެކްސްރޭ ގަނޑެއް ހަދާލެވޭނެ ރަށެއް!
ފާރު
17 May 2024
އަނިޔާލިބުނު މީހާއަށް އަވަސް ސިފާއަކަށް އެދެން، ދެންވެއްޓުން އެންމެގާތީ ހެންވޭރު ސަހަރާ އިރުމަތީފަރާތު ފާރު، މިހާރުވެސް އޮތީ 30 ހަކަށް ޑިގުރީއަށް މަގުމައްޗަށް އަރިއަޅާފަ ވެއްޓިމީހަކު ފުޑުނީމަ ނޫހުގަ ޖަހާލަދޭތި