މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޓަގު އޭއެމް އެޑްވޭ އަދި އެރޮން ނަމަކަށް ކިޔާ ބާޖެއް މިދިޔަ ސެޕްޓެމްބަރު 23 ގައި ދިޔަނެރު ފަރަށް އެރި ކަމަށެވެ. އެ އުޅަނދުތައް ޖެހިގެން އައި ދުވަހު ފުން ކުރުމަށްފަހު، ލިބުނު ގެއްލުންތައް ބަލަން އޭގެ ހަތަރު ދުވަސް ފަހުން ޖޮއިންޓް ސާވޭއެއް ކޮށްފައިވެ އެވެ.
އެ ސާވޭއާ ހަވާލާދީ އެ އެޖެންސީން ބުނީ ޓަގުގެ ސަބަބުން 804 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެކަމަކު، ބާޖު އެރި ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.
އެހެންވެ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ޓަގުގެ ވެރިފަރާތް ޖޫރިމަނާކޮށް، އެ ފައިސާ ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
"އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ 20,246,600 ދިވެހި ރުފިޔާއިން ޖޫން 3، 2024 ގައި ޖޫރިމަނާކުރެވިފަ އެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ އެންގިފަ އެވެ." ބަޔާނުގައި ބުންޏެވެ.