އޮޔާ ގޮސް ސިނަމާލެ ބްރިޖްގައި ޖެހުނު ދެ ބޯޓް ފަރަށް އުރުމުގެ ސަބަބުން މާލޭގެ ފަރަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ސާވޭ އިން ދައްކައިފި އެވެ.
އީއާރްއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު "މިހާރު" އާ މިއަދު ހިއްސާ ކުރެއްވި މައުލޫމާތުގައިވާ ގޮތުން އެ ދެ ބޯޓް އުރުމުގެ ސަބަބުން މާލޭގެ އިރުމަތީ ފަރާތު ފަރު މަތިމަތިން ގޭނިފައިވެ އެވެ. އެގޮތަށް ވެސް ބޯޓްތައް ބީހިފައިވަނީ ވަކިވަކިން ތަންކޮޅުކޮޅުގައި ކަމަށް ވެސް އީއާރްއޭގެ ސާވޭއިން އެނގުނެވެ.
ބޯޓް ބީހިގެން ގޭނުނު ތަންތަނުގެ ތެރެއިން އެންމެ ބޮޑު ތަނަކީ 8.4 މީޓަރު ދިގު 6.7 މީޓަރު ފުޅާ ތަނެކެވެ.
އީއާރްއޭގެ ސާވޭއިން ދެއްކި ގޮތުގައި ބޯޓު އުރުނު ސަރަހައްދުގައި މުރަކަ ހެދިފައި ހުރީ ވަރަށް މަދުންނެވެ.
ބްރިޖްގައި ޖެހި މާލޭގެ އިރުމަތީ ފަރާތުން ފަރަށް ދެ ބޯޓު ބީހުނު ހާދިސާ ހިނގީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކަމަށް ވިޔަސް، އީއާރްއޭ އިން އެ ސަރަހަައްދު ސާވޭ ކުރީ އިއްޔެ އެވެ. އަދި އެ ސަރަހައްދު ސާވޭކުރުން ލަސްވީ މޫސުން ގޯސްވުމުން ކަމަށް އެ އިދާރާއިން ކުރިން ބުންޏެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު އެ ދެ ބޯޓު އުރުނީ ގަަދަ ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ދިއުމުންނެވެ. އަދި އޮޔާ ގޮސް އެ ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން ފަރުމައްޗަށެވެ.
އޭގެފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖް ގައި ވެސް ޖެހުނެވެ. އަދި ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. އަދި ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެ ފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ.
ނަމަވެސް ފަހުން މާލެ އަތޮޅާ ދިމާލުން ރާއްޖޭގެ 30 ނޯޓިކަލް މޭލު ބޭރަށް އެ ދެ ބޯޓް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ފަހުން ބުނެފައިވެ އެވެ.