އައްޑޫ މާރާމާރީއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި

އައްޑޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.


ފުލުހުން ބުނީ މާރާމާރީގައި ފަސް މީހަކަށް އަނިޔާވުމާ ގުޅިގެން ރޭ ފެށި އޮޕަރޭޝަންގައި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 10 މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހައްޔަރުކުރި އިރު ބައެއް މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ހިތަދޫގައި ހިނގި މާރާމާރީގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

މި މާރާމާރީގައި ބޯ ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފަ އެވެ. އަނެއް މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މި މާރާމާރީއާ ގުޅިގެން އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.