މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަން ފިޝަރީޒް މިނިސްޓްރީގެ ޓިމްތައް ރާއްޖޭގެ އެކި ރަށްރަށަށް ފުރައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިުއްޒު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަސްވެރިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުން އަވަސް ކުރުމަށް ފިޝަރީޒްގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައި އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާވާން ވަނީ ހުޅުވާލައިފަ އެވެ.
އެ ދަފްތަރުގެ ސަބަބުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ އެވެ.