އައްޑޫގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ހާއްސަކޮށްގެން "އައްޑޫ އިންވެސްޓާސް ފޯރަމް" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އިންވެސްޓްމަންޓް ފޯރަމެއް އައްޑޫގައި ބާއްވާނެކަން އިއުލާން ކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ޖެނުއަރީ މަހުގެ އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.

މި ފޯރަމް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެންނެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގަމުގެ އީކްއޭޓަ ވިލެޖްގައި ބާއްވާ "އައްޑޫ އިންވެސްޓާސް ފޯރަމް" ގެ މައިގަނޑު މަގުސަދަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުމެވެ.

ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް، ދާދި ފަހުން އުފެއްދި އެމްއައިޓީޑީސީން ބުންޏެވެ.

އޭގެ ތެރޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.

އިންޓެގްރޭޓެޑް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރި އަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް އައްޑޫގައި ވަނީ ސަރަޙައްދުތަކެއް ވެސް ކަނޑައަޅައިފަ އެވެ.

އޭގެ ތެރޭގައި ފޭދޫ ހިއްކި ސަރަހައްދާއި މީދޫ މުލިމަތޮ، އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަހައްދާއި، ހިކިހެރަ ސަރަހައްދު ހިމެނެ އެވެ.

އަދި ހުޅުދު އާއި މަރަދޫން ވެސް ވަނީ ޓޫރިޒަމް ތަރައްގީކުރަން ބިންތަކެއް ކަނޑައަޅައިފަ އެވެ.