ފްލޮރިޑާ (ޖުލައި 15) - ކޮޕާ އެމެރިކާގެ ފައިނަލްގައި މިއަދު ކެޕްޓަން ލިއޮނެލް މެސީ އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނު ނަމަވެސް، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ލައުޓާރޯ މާޓިނޭޒް ޖަހައިދިން ގޯލާ އެކު 1-0 އިން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ އިން ރެކޯޑް 16 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މިއަހަރުގެ މުބާރާތުގެ ކުރިން އާޖެންޓީނާ އާއި އުރުގުއޭ ވެސް ވަނީ 15 ފަހަރަށް ކޮޕާ އެމެރިކާ ތަށި ހޯދައިފަ އެވެ. އުރުގުއޭ އަށް މުބާރާތުގެ ފައިނަލަކަށް ނުދެވުނެވެ. އުތުރާއި ދެކުނު އެމެރިކާގެ ދެ ބައްރު އެއްކޮށްލައިގެން މިފަހަރު ބޭއްވި މުބާރާތުގެ ތިންވަނަ ކެނެޑާ ބަލިކޮށް އުރުގުއޭ އިން ހޯދީ އެވެ.
މިއަދު ފަތިހު ރާއްޖެ ގަޑިން 5 ޖަހާއިރު ފަށަން އޮތް ފައިނަލް މެޗަށް ދަނޑަށް ވަންނަން އުޅުނު މީހުންނާއި ދަގަނޑުގެ ސެކިއުރިޓީ އޮފިސަރުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުންތަކުގައި މެޗު ފަށަން ކަނޑައަޅާފައިވާ ގަޑިއަކަށް ނުފެށުނެވެ. ހަމަނުޖެހުންތަކުގެ ތެރޭގައި ގަޑިއެއް ހާއިރަށް ވުރެ ގިނަ ވަގުތެއް މެޗު ނުފެށި ހޭދަވި އެވެ. ކަންކަން ހަމަޔަކަށް އަޅުވައި މެޗު ފެށޭގޮތް ވީ، އޭގެ 82 މިނިޓު ފަހުންނެވެ.
މަޔާމީގެ ޕޮލިހުން ބުނި ގޮތުގައި މެޗު ފަށަން އޮތް ގަޑިއަށް ސަޕޯޓަރުން ދަނޑަށް ވެއްދުމުގައި އުނދަގޫތަކެއް ދިމާވީ ބައެއް ސަޕޯޓަރުން ފޭކު ޓިކެޓު ހިފައިގެން ކިޔޫގައި ތިބުމާއި ދަނޑު ބޭރުގައި ބައެއް ހަމަނުޖެހުންތައް ވެސް ހިންގުމާ ގުޅިގެންނެވެ. ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ސަޕޯޓަރުން ހައްޔަރު ވެސް ކުރި އެވެ. އަދި ގަދަ ހޫނުގައި ގިނަ ވަގުތު ދަނޑު ބޭރުގެ ކިޔޫގައި ތިބެން ޖެހުމުން ބައެއް ސަޕޯޓަރުން ހޭނެތިގެން ވެއްޓުނު ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
އާޖެންޓީނާގެ ކެޕްޓަން މެސީ އަށް އަނިޔާވެގެން ދެވަނަ ހާފުގައި ބަދަލުކުރަން ޖެހުނެވެ. މެސީގެ ބަދަލުގައި ކުޅެން އެރި ނިކޯލަސް ގޮންޒާލެޒް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖި އެއްވަރު ވުމުން، ކުރިން ކުޅުނު ނޮކައުޓް ބުރުގެ މެޗުތަކާ ހިލާފަށް މި މެޗުގައި ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފަ އެވެ.
ޖިއޮވާނީ ލޮސެލްސޯ ދިން ބޯޅަ ހޯދައިގެން މާޓިނޭޒް އާޖެންޓީނާ މޮޅު ކޮށްދިން ގޯލު ޖެހީ، އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގަ އެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނުކުމެފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ މާޓިނޭޒް އެވެ. އޭނާ ވަނީ މުބާރާތުގައި ފަސް ގޯލު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް މިފަހަރު ވެސް ހޯދީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އެވެ. އޭނާ ވަނީ މުބާރާތުގައި ގޯލެއް ޖެހުމުގެ އިތުރުން ހަ ގޯލު އެސިސްޓް ކޮށްފަ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވެސް ހޮވުނީ ކޮލަމްބިއާ އެވެ.
މި ކާމިޔާބީއާ އެކު އާޖެންޓީނާ ވަނީ ހަތަރު އަހަރު ތެރޭ ހަތަރު ތަށި އުފުލާލައިފަ އެވެ. ކޮޕާ އެމެރިކާ 2021 ވަނަ އަހަރު ކާމިޔާބުކޮށް، ޖެހިގެން އައި އަހަރު ވަނީ އޭރުގެ ޔޫރޯ ޗެމްޕިއަނުން އިޓަލީއާ ދެކޮޅަށް ކުޅުނު ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ކޮޕާ އެމެރިކާ ތަށީ ދިފާއު ކުރުމުގެ ކުރިން އެޓީމު ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. މި ހުރިހާ ތައްޓެއް ވެސް ހޯދީ ކޯޗު ލިއޮނެލް ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ.