އެމްޑަބްލިއުއެސްސީއިން ހދ. ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ނިންމައި، ކޮމިޝަން ކޮށްފި އެވެ.
އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީއިންނެވެ.
އެމްޑަބްލިއުއެސްއީއިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކު އަޅާ، ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފަ އެވެ. އަދި ފެން ރައްކާކުރުމަށް ތާނގި ބަހައްޓައި ބޯހޯލް ތޮރުފާ ޕަމްޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިއީ 102.17 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
މި މަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.