ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޮބައިލް އެޕާއި އޭޓީއެމްގެ ހިދުމަތްތައް މެދު ކެނޑުނުތާ 8 ގަޑިއިރު ވެފައިވާއިރު، އޭގެ ސަބަބުން ގިނަ ހިދުމަތްތަކަށް ބުރޫއަރައި އެތައް ބައެއްގެ ޝަކުވާ އިތުރު ވެއްޖެ އެވެ.
މިއަދުގެ ފަތިހު 4:00 އިން ފެށިގެން ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެ، އޭޓީއެމްގެ ހިދުމަތްތަކާއި ޕީއޯއެސްގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އޭޓީއެމާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މެދުކެނޑިފައި ވިޔަސް މިހާރު ޕީއޯއެސް މެޝިންތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ މިހާރު ކަމަށެވެ.
އެހެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ވެސް ފައިސާ ނުނެގޭތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކަށް ވުމުން، އެ ތަނުނގެ ހިދުމަތްތަކެއް މެދުކެނޑުމަކީ އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމެކެވެ. ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެ އަދި އޭޓީއެމްގެ ހިދުމަތް ހެނދުނުއްސުރެ ނުލިބުމުން އެތައް ބައެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ވަނީ ހުއްޓިފަ އެވެ. އޮންލައިން ޓްރާންފާގެ ހިދުމަތް ނުލިބޭއިރު އޭޓީއެމުން ފައިސާ ނުނެގުމަކީ އަދި އިތުރަށް އުނދަގޫތަކެއް ކުރިމަތިވި ކަމެވެ.
"ހެނދުނު ދަރިފުޅު ސްކޫލަށް ދާން އިންޓަވަލް ގަންނަން ގޮސް ކާޑުން ކަނޑަން ބެލިއިރު ޕީއޯއެސް މަސައްކަތެއް ނުކުރި. ދެން ދުއްވައިގަތީ އައިޖީއެމްއެޗު ކައިރީގައި ހުރި އޭޓީއެމަށް ފައިސާ ނަގަން. އެ ތަނުގެ ހުރިހާ ސިސްޓަމެއް ޑައުން،" އާންމު މީހަކު ޝަކުވާ ކުރި އެވެ.
މި ގޮތަށް މިއަދު އެތައް ބަޔަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ.
ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހު ވެސް އެޕް ތިން ގަޑިއިރަށް ޑައުންކުރި އެވެ. އެ ދުވަހު އެޕް ޑައުންކުރީ ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާކުރެވިގެން ކަމަށް ފަހުން ބުންޏަށް އޭގެ ކުރިން ބީއެމްއެލް އިން ބުނިގޮތުގައި ޓެކްނިކަލް މައްސަލަ ކުރިމަތިވީ މައިކްރޮސޮފްޓަށް ދިމާވެގެން އުޅޭ ސައިބަ އެޓޭކާ ގުޅިގެންނެވެ.